ރާއްޖޭގެ ހެލްތް ސެންޓަރުތަކުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އައުޓް ޕޭޝަންޓު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރަނގަޅު ގޮތުގައި މުޖްތަމައުއަށް ނެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން ބަޖެޓުގައި ބޮޑު އަދަދެއް ހިމަނާނެކަމަށް އިއުލާނުކޮށްފައި ވެއެވެ.
އެންޑީއޭގެ މަސައްކަތްތަކާއި، މަސްތުވާތަކެތީގެ ފަރުދޭ ރިހިބެލިޓޭޝަން ސެންޓަރުތަކާއި ޑިޓޮކްސްސިފިކޭޝަން ސެންޓަރުތައް އިތުރުކުރުމާއި ގުޅޭ މައުލޫމާތުތައް ދެއްވައި އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލުބުނާ ވިދާޅުވީ، ވޭތުވެ ދިޔަ އެކި އަހަރުތަކުގެ ރެކޯޑުތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއް ނުހިނގާ އެއްވެސް ރަށެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާއިރު، ކޮންމެ ރަށެއްގައި ވެސް އެފަދަ ބަޔަކު އެބަތިބިކަމަށް ލުބުނާ ވިދާޅުވި އެވެ.
ލުބްނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާއަށް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރެއް ލ. ގަން، ކ. ކާށިދޫ އަދި ނ. ވެލިދޫގައި ގާއުމުކޮށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއް ނުހިނާ އެއްވެސް ރަށެއް ނެތް.. މާނައަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ނެތް އެއްވެސް ރަށެއް ރާއްޖެއަކު ނެތޭ.. އެހެންވީމަ ވަރަށް މުހިންމުކަމެއް އަޅުގަނޑުމެން މިހާރު އުފެއްދުމަށް މި ގަސްތުކުރާ އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ، ލ. ގަމުގައި ކޮމިއުނިޓީ ރިހިބިލިޓޭޝަނެއް ގާއިމު ކުރުން، އަދި ކ. ކާށިދޫގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް އަދި ނ. ވެލިދޫގައި ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށް ސަރަހައްދުތަކުގައި ފަރުވާ ލިބޭނެ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރަށް ނެޝަނަލް ޑްރަގް އޭޖެންސީ ވަނީ ހެލްތް މިނިސްޓްރީއާއި ވާހަކަ ދައްކައި، ހޮސްޕިޓަލުގައި މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުންނަށް އައުޓް ޕޭޝަންޓު ފަރުވާ ލިބޭނެ ގޮތަށް މިހާރު ވާހަކަ ދެކެވި އެ ހުއްދަތައް ލިބިފައި ވަނީ..
މަސްތުވާތަކެތީގެ ފަރުވާ ފުޅާކުރުމުގެ ގޮތުން ހެލްތް މިނިސްޓްރީއާއި އެންޑީއޭ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ދަށުން ރަށްތަކުގެ ހޮސްޕިޓަލްތަކުގައި މަސްތުވާތަކެތީގެ އައުޓް ޕޭޝަންޓު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުއްދަ ލިބިފައިވާކަމަށް ލުބާ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ދަށުން ހުޅުމާލޭގައި މަސްތުވާތަކެތީގެ އައުޓް ޕޭޝަންޓު ފަރުވާ ސެންޓަރެއް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް ލުބްނާ ވިދާޅުވި އެވެ.
މީގެ ކުރިން މެތަޑޯންގެ ފަރުވާ ލިބެނީ މާލޭގައި އެކަނި ނަމަވެސް، ހުޅުމާލޭގައި ވެސް އެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހި ކުރިޔަށްދާކަމަށް ލުބުނާ ވިދާޅުވި އެވެ.
ކޮމިއުނިޓީ ބޭސްޓް ރިހިބިލިޓޭޝަނަކީ މަސްތުވާތަކެތީގެ މައްސަލައިގެ ފަރުވާ ހޯދައި ކުރިޔަށް ދާން އެންމެ މުހިންމު އެއް މަގުކަމަށް ވާތީ ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ރިހިބިލިޓޭޝަން މަރުކަޒުތައް ގާއިމްކޮށް، މަސްތުވާތަކެތި ބޭނުން ކުރާ ކުދިން އަނބުރާ މުޖްތަމައަށް ގެނެވޭނެ ގޮތަށް ހިންގާ ރަނގަޅު މަރުކަޒުތައް ގާއިމްކުރުމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

