ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ މަސައްކަތް ދަނީ ކެނޑިނޭޅި ކުރަމުންކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރަހިމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހަށް މިނިސްޓަރު ހާޒިރު ކުރެއްވުމުން މިކަމާއި ގުޅިގެން ސުވާލުކުރީ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްއެވެ. ނާޒިލް ވިދާޅުވީ ސޯލާ ސިސްޓަމް ގާއިމްކުރުމުގެ މަގްސަދަކީ ރައްޔިތުންގެ ޖީބަށް ލުއި ކުރުންކަމަށެވެ. ކަރަންޓަށް ރައްޔިތުން ކުރާ ހޭދަ ބޮޑުވަމުން ގޮސް، ދުވަހުން ދުވަހަކަށް ކަރަންޓް ބިލުވެސް ބޮޑުވަމުންދާކަމަށް ފާހަގަކޮށް ނާޒިލް އެއްސެވީ މިކަމާއި ގުޅިގެން މިނިސްޓަރު އެއްވެސް ބަޔަކާއި މަޝްވަރާކޮށްފައިވޭތޯއެވެ.
ބިލު ބޮޑުވަނީ ކީއްވެގެންތޯ ދެނެގަތުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައިވޭތޯ ނާޒިލް ސުވާލުކުރެއްވިއެވެ.
ޖަވާބުގައި މިނިސްޓަރ ތޯރިގު ވިދާޅުވީ ކަރަންޓު ބިލު ކުޑަކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާކަމަށެވެ. އެފިޝިއެންޓްކޮށް ޖަނެރޭޓު ކުރެވޭނެ މިންވަރަށް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށްޓަކައި ބޮޑު ހަރަދެއް ކުރަން ޖެހޭކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ނަމަވެސް ޓެރިފްގައި ހުންނަނީ ޖަނެރޭޓު ކުރަން ބޭނުންވާ ވަރަށްވުރެ ވަރަށް ދަށް އަދަދެއްކަމަށެވެ.
ރިނިއުބަލް އެނާޖީ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އެކަން ހައްލު ކުރުމަށްޓަކައިކަމަށް ތޯރިގު ވިދާޅުވިއެވެ.
މި މަސައްކަތް މި ކުރަނީ ކަރަންޓުގެ ޓެރިފާއި، ކަރަންޓުގެ އެފިޝިއެންސީ ރަނގަޅުކުރުމަށް.
ތޯރިގު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ސަބަބަކީވެސް ރައްޔިތުންގެ އަތުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށްކަމަށް ތޯރިގު ވިދާޅުވިއެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކަށް ކަރަންޓު ބިލު ކުޑަ ކުރުމުގެ މަގުފަހިކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ފާހަގަކުރެއްވީ ”މަގޭ ސޯލާ“ މަޝްރޫއުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ފެށިގެންދާނެކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއާއިއެކު އަމިއްލަ ފަރާތްތަކުން ކަރަންޓަށް ކުރާ ހޭދަ ކުޑަވެގެންދާނެކަމަށެވެ.
މި ސިސްޓަމްއަށް ބަހާލައިގެން ފައިސާ ދެއްކޭނެ މަގުފަހިވާނެކަމަށާއި، ފެނަކަ އާއި ސްޓެލްކޯއާއި ގުޅިގެން އެ މަސައްކަތް ވަނީ ފަށާފައިކަމަށް ވިދާޅުވިއެވެ. މި ސިސްޓަމްތަކުގެ ފުރަތަމަ 700 ޔުނިޓު ވަނީ އައުމުގެ މަގުމަތީގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

