ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން މި ދައުރުގައި އިތުރު ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވިސްނުމެއް އަދި ނެތްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ޓެކްސްތަކަށް ގެންނަ ބަދަލުތައް ހިމެނޭ ތިން އިސްލާހެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ހާއްސަކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކުހުގެ މިންވަރު އިތުރު ކުރުމަށެވެ.
އެގޮތުން ގްރީން ޓެކްސް 50 އިންސައްތަ އިތުރު ކުރުމަށް ނިންމިއިރު، 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓުއަރިޒަމް ހިދުމަތް ދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ. ރިސޯޓުތަކުން ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި، 12 ޑޮލަރު ނަގާ ގޮތަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާގޮތަށް ހިމަނާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާތީ، ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ޓެކްސްއަކާއި ގުޅުން ހުރި ބިލެއް މަޖިލީހަށް ހުށަހަޅާފާނަންތޯ ”ސަންގު“ އިން ސުވާލު ކުރުމުން އުޝާމް ވިދަޅުވީ މަޖިލީހުގެ ތަޅުމުގައި މިވަގުތު ކުރިޔަށް ދާ ތިން ބިލުގެ މަސައްކަތަކީ އާމްދަނީއާއި މިވަގުތަށް ހުށަހަޅަން ގަސްތު ކުރާ ހުރިހާ ބިލުތައް ކަމަށެވެ. ޓެކްސްއާއި ގުޅުން ހުރި އިތުރު މަޝްވަރާއެއް ނުވަތަ އާމްދަނީ އިތުރު ކުރުމާއި ގުޅުން ހުރި ވާހަކަތަކެއް ކުރިޔަށް ދާނަމަ މަޖިލީހުގެ މި ދައުރަށް އެ ބިލެއް ހުށަހަޅާނެކަމަށާއި އެހެން ނަމަވެސް މިވަގުތު އެފަދަ ވިސްނުމެއް ނެތްކަމަށް އުޝާމް ވިދާޅުވި އެވެ.
ރެވެނިއުއާއި ގުޅޭގޮތުން ހުށަހެޅުމަށް ބޭނުންވާ ބިލުތަކާއި ގުޅޭގޮތުން… ތި ކުރެއްވި ސުވާލުގައި.. އަޅުގަނޑުމެން މިވަގުތު ދައުލަތުގެ ރެވެނިއު އިތުރު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހެޅުމަށް ބޭނުންވާ ހުރިހާ ބިލުތަކެއް ހުށަހެޅިއްޖެ.. މައިގަނޑު ގޮތެއްގައި ޓީޖީއެސްޓީ ބޮޑު ކުރުމާއި، ގްރީން ޓެކްސް ބޮޑު ކުރުމާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ.. އެއާޕޯޓު ޗާޖެއްއާއި ގުޅުން ހުރި އިސްލާހުތައް އެއީ.. މިވަގުތު އަޅުގަނޑުމެން ހުށަހެޅުމަށް ގަސްތު ކުރާ ބިލުތައް އެއީ..
އުޝާމް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި ގުޅުން ހުރި މަސައްކަތްތައްކަމަށާއި އެހެންކަމުން އޭގެ ތެރެއިން ފާހަގަ ކުރެވޭ ކަމެއްގެ މައްޗަށް އިސްލާހެއް ހުށަހަޅަން ޖެހޭ ނަމަ އެ މަސައްކަތެއް ކުރިޔަށް ދާނެކަމަށެވެ.
ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ފުރިހަމަ ގޮތުގައި ނުލިބޭތީ، ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާތީ އެކަމަށް ސުވާލު ކުރުމުން އުޝާމް ވިދާޅުވީ އެއީ އެންފޯސްމަންޓާއި ގުޅުން ހުރި ބިލުތައްކަމަށާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އެގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވަންނަ އާމްދަނީ އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރިޔަށްދާކަމަށް އުޝާމް ވިދާޅުވި އެވެ. އެކަމަށް އިސްލާހު ގެންނަން ޖެހެނީ ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށްކަމަށްވުމާއި އެކު މި ދައުރުގެ ތެރޭގައި އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އުޝާމް ވިދާޅުވި އެވެ.

