ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން އިސްލާހުގައި ހިމަނާފައިވާ މުއްދަތު ކުރުކަމަށާއި، ތާރީހު އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ބަދަލު ކުރަން ފެންނަކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ޓެކްސްތަކަށް ގެންނަ ބަދަލުތައް ހިމެނޭ ތިން އިސްލާހެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ހާއްސަކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކުހުގެ މިންވަރު އިތުރު ކުރުމަށެވެ.
ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ އަންނަ އަހަރު 17 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލުގެ މަސައްކަތް މިއަދު ފަށާފައި ވަނީ މުޅި މަޖިލިސް ކޮމިޓީގަ އެވެ.
އަންނަ ޖޫން މަހުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މުސްތަފާ އެވެ. އެ އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް ޓީޖީއެސްޓީގެ 16 އިންސައްތަ ދައްކަން ޖެހޭނީ އަންނަ އަހަރުގެ މޭއި މަހުގެ ނިޔަލަށެވެ. އެއަށް ފަހު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭނީ 17 އިންސައްތަ އެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހެއް ނަމަވެސް، މުޅި މަޖިލިސް ކޮމިޓީގައި ތާރީހުތަކާއި ގުޅޭގޮތުން އެންމެ ފުރަތަމަ ކަންބޮޑުވުންފާޅު ކުރެއްވީ މަހިބަދޫ ދާއިރާގެ ޕީއެންސީ މެމްބަރު ތޯރިގް އިބްރާހީމެވެ.
މީގެ ދޮޅު އަހަރު ކުރިން 19 ވަނަ މަޖިލީހުން، ޓީޖީއެސްޓީ ބޮޑުކޮށްފައި ވާތީ ކައިރިކައިރީގައި ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތްތޯ ތޯރިގް ސުވާލު އުފެއްދެވި އެވެ. އެގޮތުން ބިލުގައި މިހާރު ދީފައިވާ މުއްދަތަށް ބަލާއިރު ޖޫން މަހު ޓެކްސް ނަގަން ފެށުން ތަންފީޒު ކުރާނަމަ އެއީ ކުރު މުއްދަތެއްކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ޔޫރަޕްގެ ގިނަ ފަތުރުވެރިންގެ ކޮންޓްރެކްޓުތައް އަހަރުގެ އޮކްޓޯބަރު މަހު އައު ކުރާކަން ފާހަގަކޮށް ތޯރިގް ހުށަހެޅުއްވީ އެ މުއްދަތު އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ބަދަލު ކުރުމަށެވެ.
ތޯރިގްގެ ހުށަހެޅުމަށް ތާއީދު ކުރައްވައި ނާޒިލް ވިދާޅުވީ މިއީ އަލަށް ތައާރަފު ކުރާ ޓެކްސްއެއް ނޫންކަމަށާއި، ކުރިން އޮތް ނިޒާމެއްގެ ތެރެއަށް އިންސައްތަތަކެއް ބަދަލު ކުރަނީ ކަމަށެވެ. އެހެންކަމުން ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިންނާއި އެކު އޮންނަ އެގްރިމެންޓު ގާއިމު ކުރަނީ އެ އަހަރެއްގެ ނޮވެމްބަރުން، އަހަރެއްގެ މުއްދަތަކަށް ކަމަށެވެ. އޭގެ ސަބަބުން އޮކްޓޯބަރު މަހާއި ހިސާބަށްދާއިރު، ކޮޓަރިތައް ވިއްކައި ހުންނަނީ ގިނަ ފަހަރަށް ނިމިފައިކަމަށް ނާޒިލް ވިދާޅުވި އެވެ.
އަޅުގަނޑު ތާއީދު ކުރަން މަހިބަދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ހުށަހެޅުމަށް… އަޅުގަނޑު އެގޮތަށް ތާއީދު ކުރާ ސަބަބަކީ މި ޓެކްސްއަކީ އަލަށް ތައާރަފު ކުރެވޭ ޓެކްސްއެއް ނޫން.. މިހާރު ވެސް ހުރި ޓެކްސްއަކަށް އިތުރު ކުރެވޭ އަދަދުތަކެއް… އެހެންވީމާ މީގައި އެ މެމްބަރު ފާހަގަކުރެއްވި ފަދަދައިން، ރާއްޖޭގެ ޓޫރިޒަމްގައި ޔޫރަޕްގެ ގައުމުތަކުގެ ގައުމުތަކާއި އެކު ހެދިފައި އޮންނަ ކޮންޓްރެކްޓު މި އޮންނަނީ ނޮވެމްބަރުން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރ އެންޑަށް.. ގިނަ ފަހަރަށް ރޫމްތަކާއި އެއްޗެހި ވިއްކާ ނިމިފަ މި ހުންނަނީ.. އޭގެ ސަބަބުން ދަތިތަކެއް ހުންނާނެކަން ކަށަވަރު ކުރެވޭ..
ފަތުރުވެރިކަމުގެ އޮފް ސީޒަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، މި އަހަރުގެ އޮފް ސީޒަންގެ އޮކިއުޕެންސީ ވެސް ވަރަށް ދަށްވިކަމަށެވެ. އެހެންކަމުން ޓެކްސްތަކާއި ފީއަށް ގެންނަ ބަދަލެއްގެ ސަބަބުން އަންނަ އަހަރުގެ އޮފް ސީޒަން މިއަށްވުރެ ދަށްވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ އިންވެސްޓަރުންގެ ވިސްނުމަށް ވެސް ބަދަލުތަކެއް އަންނާނެ ސަބަބުތަކެއްކަމަށާއި، ދިރާސާތަކެއް އެކުލަވާލައި މަޝްވަރާ ކުރަން ޖެހޭ ސަބަބަކީ އެއީކަމަށް ނާޒިލް ވިދާޅުވި އެވެ.
އިސްލާހުގައި ހިމަނާފައިވާ ތަފްސީލުތަކުގައި ބުނެފައިވަނީ، މި ބަދަލުގެ ސަބަބުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބެމުންދާ އާމްދަނީއަށް 200 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެ ކަމަށެވެ.
މީގެއިތުރުން ސަރުކާރުފެ ފަރާތުން އިތުރަށް ހުށަހަޅާފައިވާ އިސްލާހެއްގައި ވަނީ، ގްރީން ޓެކްސް 100 އިންސައްތަ އިތުރު ކުރުމަށެވެ. އެގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ދައްކަން ޖެހޭނީ ހަ ޑޮލަރެވެ.
އިސްލާހުގައި ވަނީ ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި ބާރަ ޑޮލަރެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ޖެހޭ ގޮތަށް ހުށަހެޅި މި އިސްލާހުގެ ދަށުން ދެ އަހަރުން ދަށުގެ ކުދިންނަށް ގްރީން ޓެކްސް ދައްކަން ނުޖެހޭނެ އެވެ.

