މި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކަކީ:
1. ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ޚާއްޞަ ތަނެއް ޤާއިމުކޮށް، އެ ތަން ޞިއްޙަތާބެހޭ ވުޒާރާއާ ޙަވާލުކުރުން.
2. ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާކުރުމަށް ހެވީމެޓަލްސް ޓެސްޓުކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް ފޯރުކޮށްދިނުން.
މި ފަހުމުނާމާގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އަލްފާޟިލް ތޯރިޤު އިބްރާހިމްއެވެ. އަދި ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
މި ފަހުމުނާމާގެ ދަށުން ޙަވާލުކުރެވުނު ފެސިލިޓީގެ ސަބަބުން ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމަށް ރަށު ފެންވަރުގައގައި އެންމެ ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތަޢާރަފުކުރެވޭނެއެވެ. މީގެ ސަބަބުން ނޭދެވޭ ގޮތުގައި ކުނި ނައްތާލުމުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރެވި، ވެށްޓަށާއި ބާރަށުގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރިކުރެވޭނެއެވެ. ބާރަށުގައި ޤާއިމުކުރެވުނު މި ފެސިލިޓީއަކީ ޞިއްޙީ މަރުކަޒެއްގައި ޞިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ޤާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ.
މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދެވުނު އައި.ސީ.ޕީ އެމް.އެސް މެޝިނަކީ ފެން، ފަސްގަނޑު، ސެޑިމެންޓްސް އަދި އިންސާނުންގެ ލޭގައިވެސް ހުންނަ ހެވީ މެޓަލްސް (މަރކިއުރީ، ކެޑްމިއަމް، ލެޑް ފަދަ) މާއްދާތައް ހުންނަ މިންވަރު ދެނެގަނެވޭނެ ޒަމާނީ އާލާތެކެވެ. މި މެޝިނުން ވަރަށް ދަށް މިންވަރުގައި ހުންނަ ހެވީމެޓަލްސްވެސް ދެނެގަނެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން މި މެޝިނަށް ބޭނުންވާ ކެމިކަލް ރިއެޖެންޓްތައް ނެޝަނަލް ހެލްތު ލެބޯރެޓަރީއަށް މި އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕޮޕްސް މަޝްރޫޢުގެ ދަށުން ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި:
1. ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ މެޑިކަލް ކުނި މެނޭޖްކުރުމުގެ ފެސިލިޓީ
2. ނުރައްކާތެރި ކެމިކަލް ހިމެނޭ ކުނި ސްޓޯރކުރުމަށް އައްޑޫ ސިޓީގައި އިންޓެރިމް ހަޒަރޑަސް ކެމިކަލް ވޭސްޓް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުން
3. ރ. ވަންދޫގައި ހަޒަރޑަސް ކެމިކަލް އެންޑް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ނުރައްކާތެރި ކެމިކަލްތަކާއި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.

