ރާއްޖޭގެ އިގްތިސާދު މިހާ ދަށަށް ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށާއި، ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުން އިންތިހައަށް ބޮޑުކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވަމުން އަޒާން ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބޭކާރު ހަރަދުތައް ނުކޮށް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ދިނުމަށް ކަމަށެވެ.
ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރެވި، ރައީސް އޮފީހުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވެސް ބައިވެރިވެ އޮތް ނުސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މައްސަލައިގެ ބައެއް ތަފްސީލުތައް ހިއްސާކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، ފިނޭންސް މިނިސްޓްރީގައި ރެކޯޑު ނުކޮށް ހުރި ދެ ބިލިއަން ރުފިޔާ ފާހަގަކުރެވި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.
މި މައްސަލައިގައި ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އަޒާން ވިދާޅުވީ ކުރީ ސަރުކާރުން އެއްވެސް ބެލުމެއް ނެތި ހަރަދުތައް ކުރުމުގެ ނަތީޖާއަކީ ދެމެހެއްޓެނިވި ގޮތެއްގައި، ތަރައްގީ ގެނެވޭނެ ގޮތެއް ނެތުންކަމަށެވެ. އެ ދަތިތަކާއި އެކު ވެސް ރައީސް މުއިއްޒުގެ ސަރުކާރުން ހުށަހަޅާ 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި އިސްކަން ދޭނީ އެންމެ މުހިންމު މަޝްރޫއުތަކަށްކަމަށް އަޒާން ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ކޮންމެ ރަށަކަށް ވެސް އެންމެ ބޭނުން ޖެހިފައި ހުރީ ކޮން ކަމަކަށްތޯ ބަލައި، އެކަމެއް އިސް ކުރެވޭނެކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވި ގޮތުގައި މަޝްރޫއުއަކަށް ފައިސާ ބަޖެޓު ކުރުމުގައި، އެކަށީގެންވާ އަދަދެއް ހިމެނުން ވަރަށް މުހިންމެވެ.
މިސާލަކަށް ކުރިން އެއްވެސް އޯގަނައިޒްޑް ގޮތެއް ނޫން، މި ރަށަށް ބަނދަރެއް.. މި ރަށަށް ހެލްތް ސެންޓަރެއް.. މި ރަށަށް އަނެއްތަނެއް.. އެގޮތަށް.. އެހެންވީމަ ކޮންމެ ރަށަކަށް ވެސް އެންމެ މުހިންމު ކަންތައްތައް ދެނެގަނެ.. އެ ކަންތައްތަކަށް ސަރުކާރުން އިސްކަން ދޭނީ..
ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، ގައުމަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ހޯދަން ޖެހޭކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފައިސާ ޗާޕު ކުރަން ފެށުމުން، އެކަމަށް އިހުތިޖާޖު ކުރާތީ ސަރުކާރުގެ އިސްވެރިން އެކަން ދިފާއުކޮށް އެއީ ކުރުމުއްދަތެއްގެ ކަމަކަށްވާތީ ބޭރުގެ ގައުމުތަކުގެ އެހީ ލިބޭނެކަމަށް ބުނަމުން ދިޔަކަމަށެވެ. އަދި އެ ޑޮލަރު ބޭނުންކޮށްގެން، އިގްތިސާދުގައި ފައިސާ ދައުރު ކުރެވޭނެކަމަށް ބުނި ނަމަވެސް އަންދާޒާ ކުރި މިންވަރާއި ގާތަށް ވެސް އާމްދަނީއެއް ނުވަތަ ހިލޭ އެއްހީއެއް ނުލިބުނުކަމަށް އަޒާން ވިދާޅުވި އެވެ.
ނަތީޖާއަކީ ކޮބައިތޯ.. ނަތީޖާއަކީ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި.. އިގްތިސާދު ފުޅާ ނުވާ މިންވަރަކަށް ދިވެހި ފައިސާ ދައުރުވާން ފެށީ.. ދިވެހި ފައިސާގެ އަގު އެތައް ގުނައެއް ދަށަށް މި ވެއްޓުނީ.. ހަގީގަތުގައި މިއަދު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ އަގު މިހާ ބޮޑަށް މަތިވެފައިވާ އެންމެ ބޮޑު ސަބަބަކީ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕު ކުރުން..
އަޒާން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާ ދަށަށް ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށާއި، ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުން އިންތިހައަށް ބޮޑުކަމަށެވެ.
މި ސަރުކާރުން ހަވާލުވާން ޖެހޭ ދަރަނިތަކާއި، ދައްކަން ޖެހޭ ބިލުތަކަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ފައިސާ ޗާޕު ކުރެވިދާނެކަމަށާއި އެހެން ނަމަވެސް ރައީސް މުއިއްޒު ރައްޔިތުންނަށް އަނެއްކާވެސް އިތުރު ދެރައެއް ދޭން ބޭނުންފުޅު ނުވާކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑުކޮށް ފައިސާ ޗާޕު ކުރުމުގެ ސަބަބުން، އޭގެ ގެއްލުން އަންނަން އޮތް ޖީލުތަކުން ނަގަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތަކަށް ގައުމު ދާން ބޭނުން ނުވާކަމަށް އަޒާން ވިދާޅުވި އެވެ.
ބޭރު އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކަށް، ދޫކޮށްފައި ހުރި ދެ ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ތެރޭގައި ރެކޯޑު ކުރެވިފައިވާކަން ދެނެގަނެވި ތަފްސީލު އެއްކުރުމުގެ މަސައްކަތް ކުރަމުން ދަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ.

