ސަޕްލިމެންޓަރީ ބަޖެޓު އަވަސް އަރުވާލައިގެން ފާސްކުރުމަށް ޕީއެންސީން ކުރަމުންދާ މަސައްކަތާމެދު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުކަންބޮޑުވުން ފާޅުކުރައްވާފިއެވެ.
މަޖިލީހުގެ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. ޝަމްހީދު ވިދާޅުވީ ބަޖެޓު މަސައްކަތްތައް އަވަސްއަރުވާލައިގެން ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އާންމު އުސޫލުން ސަޕްލިމެންޓަރީ ބަޖެޓަށް އެދި ހުށަހަޅާއިރު، ވޭތުވެދިޔަ އަހަރު ކަނޑައެޅިފައިވާ ބަޖެޓުން ޚަރަދުކުރެވުނު ގޮތުގެ ތަފްސީލާއި، ކުރިއަށް އޮތް އަހަރަށް ހިމެނިފައިވާ ކަންކަމަށް ޚަރަދުވާނެ މިންގަނޑު ހިމަނަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، މިފަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅިއިރު، ފާސްކޮށްފައިވާ އަހަރީ ބަޖެޓުން ޚަރަދުކުރެވިފައިވާ މިންވަރު އެނގެން ނެތް ކަމަށާއި، އެކަމާ ގުޅޭ އެއްވެސް ލިޔެކިއުމެއް މާލިއްޔަތު ކޮމިޓީއަށްވެސް ލިބިފައިނުވާ ކަމަށެވެ. އަދި ތަފާސް ހިސާބުތައް އާންމުކޮށްފައި ނުވާކަމަށާއި، މިނިސްޓަރު ނުވަތަ މިނިސްޓްރީގެ އިސްވެރިއަކު އައިސް މި ފައިސާ ހޯދުމަށް އެދިފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން ސާފުކޮށްދީފައިނުވާ ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަމްހީދު ކަންބޮޑުވުން ފާޅުކުރެއްވީ، ބައެއް މެންބަރުން މި ބަޖެޓު އަވަސްއަރުވާލައިގެން ފާސްކުރުމަށް ބާރުއަޅުއްވަމުންދާތީއެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައިވެސް ސީދާ ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ސާފުނުވާކަން ޑރ ޝަމްހީދު ފާހަގަކުރެއްވިއެވެ.
ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެފައިވަނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވައިލައިފައިވާ ބަޖެޓެއް ކަމަށާއި ހަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން މި ބަޖެޓު އެކުލަވާލިއިރު އެ ރިފޯމްތައް އެކީގައި ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާއިން ރެކިގަނެފައިވާ ކަމަށެވެ.
މި އަހަރުގެ ތެރޭގައި މި ރިފޯމްތަކާއި ގުޅޭ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަ ކުރުމުގެ ޒިންމާ އުފުލާފައިވަނީ ސަރުކާރުން ކަމަށް މިއަދުގެ މަޖިލީހުގައި ވަނީ ބުނެފައެވެ. ޕީއެސްއައިޕީ ޕައިޕްލައިނުގައި ކުދި އަދަދު ބަޖެޓު ކުރުމަށްފަހު ވަނީ ހުއްޓިފައި ހުރި ޕްރޮޖެކްޓްތަކެއް އަލުން ހިންގުމަށް މި ސަރުކާރަށް ހަވާލުކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ. މިކަން މި ގޮތަށް ކޮށްފައިހުރީ 2023 ވަނަ އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ކޮންޓްރެކްޓްކުރުމަށް ފަހު ބޮޑެތި އެޑްވާންސް ޕޭމަންޓްތައް ދޫކުރުމަށްފަހުގައި ކަމަށް ަވނީ ބުނެފައެވެ. އަދި މި އަހަރުގެ ބަޖެޓު ފާސްކުރި އިރު މި އަހަރަށް 60 ބިލިއަން ރުފިޔާ ހިނގާނެކަން އެންގެން އޮތް ކަމަށްވެސް ސަރުކާރުގެ ފަރާތުން ބުނެފައިވެއެވެ.
މި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކު މި އަހަރަށް ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަކީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ކަމަށްވާއިރު މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުގެ 74 އިންސައްތަ ހޭދަވެފައިވާ ކަމަށް ވަނީ ބުނެފައެވެ. ޒަމީރު ވިދާޅުވީޗކުރީ ސަރުކާރާ ޚިލާފަށް މި ސަރުކާރުން ސަޕްލިމަންޓް ހުށަހަޅަނީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށެވެ. އަދި ފާއިތުވި ތަނުގައި ކުރީ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ ޚަރަދު ކުރުމަށްފަހުގައިކަން 19 ވަނަ މަޖިލީހުގެ ރިޔާސަތުންވެސް ވަނީ އެ މަޖިލީހުގައި ތަކުރާރުކޮށް ފާހަގަކޮށްފައި ކަމަށް ޒަމީރު ވިދާޅުވިއެވެ.
ސަޕްލިމަންޓް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައިނުވުން ކަމުގައި ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަންޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގައި، ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޚަރަދު ކުޑަކުރުމަށް ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ނަގާ ގަޑީގައިވެސް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޯށްދިނުން ކަމަށާއި އަދި މެޑިކަލް ކޮންސިއުމަބަލްސްގެ ޚަރަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
އިންޑިރެކްޓް ސަބްސިޑީތަކަށް ކުރާ ހޭދަ އިތުރުވާނެކަމަށް ބެލެވިފައިވާ ކަމަށާއި މިއަހަރު ސްޓުޑަންޓް ލޯން ސްކީމުގެ ދަށުން އިތުރު ދަރިވަރުންނަށް ލޯން ދޫކުރުމާއި އަދި ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް 2 ބިލިއަން ރުފިޔާ މި ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނޭ ކަމަށް ޒަމީރު ވިދާޅުވިއެވެ. މިއީ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދުމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.

