މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އާރްއޯއެސް ފޯ ޓްރޭޑިންގ ކޮމްޕެނީއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރު އަދި އާރްއޯއެސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު ހަމަދު މުޙައްމަދު އަލްމިންހާލީއެވެ.
ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މުލަކުގައި ޤާއިމުކުރެވޭ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު 300 ދުވަހުގެ ތެރޭގައި މި ފެސިލިޓީ ނިންމުމަށް ވަނީ ރޭވިފައެވެ.
މުޅި މަޝްރޫޢަށް 5.188 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭއިރު، މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވަނީ، މި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކުރެވުމުން މުލަކު އަތޮޅުގެ މަސްވެރިންނަށް ފާހަގަކޮށްލެވޭ ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރެވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބި، އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. މިފަދަ ފެސިލިޓީތަކުގެ ސަބަބުން މަސްވެރިންނަށް އެމީހުެމީހުންގެ މަސް ދިގު މުއްދަތަކަށް ރައްކާކޮށް ބެހެއްޓުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގައި އުފައްދާ މަހުން ތައްޔާރުކުރާ އުފެއްދުންތަކުގެ އަދަދު އިތުރުވެ، ބޭރު ބާޒާރުތަކަށް އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުވެގެންދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

