ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާގެ މަރާއެކު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބި ރައްޔިިތުން ނުތަނަވަސްކަމުގައި

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރަށުގެ މާޙައުލުގައި އަދިވެސް ބިރުވެރިކަމާއި ނާމާންކަން އޮތްކަން ފާހަގަކުރެވެއެވެ. މަރުޙޫމާ ޒަކިއްޔާ މޫސާގެ ހަށިގަނޑު ޒަޚަމްތަކަކާއެކު ފެނުމާ ގުޅިގެން، ރަށުގެ ރައްޔިތުންގެ މެދުގައި ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ. މި ހާދިސާއާ ގުޅޭ ތަފްސީލީ މަޢުލޫމާތު ލިބިފައިނުވުމާއި، އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ނުލިބުމުގެ ސަބަބުން، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމަށް އަދިވެސް ޙައްލެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.

”ސަންގު“ އާ ވާހަކަދެއްކި ރަށުގެ ބައެއް ރައްޔިތުން މަޢުލޫމާތު ދެއްވިގޮތުގައި، މަރުޙޫމާ ޒަކިއްޔާ މޫސާއަކީ ދީނީ ކަންކަމަށް ނުހަނު އަހައްމިއްޔަތުކަންދޭ ވަރަށް ދީންވެރި މީހެކެވެ. އަދި އާންމުކޮށް ގޭގެ ބަދިގެ ސަރަޙައްދަށް ވެސް ބުރުގާ ނާޅައި ނުކުންނަ މިހެއް ނޫންކަމަށް ބުނެވެއެވެ. އެހެންކަމުން، އެ ދުވަހު އޭނާ ބުރުގާ ނާޅައި ނުކުމެދާނެ ކަމާއިމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

ޒަކިއްޔާއަކީ ބުރުގާ އަޅާ މީހެއް، އެ ދުވަހު ހަށިގަނޑު ފެނުނުއިރު ބުރުގާއެއް ނެތް، އޭނާ އަކީ ވަރަށް ދީންވެރި މީހެއް، އަހަންނަކީވެސް ވަރަށް ގިނައިން އެ ގެޔަށް ގޮސްއުޅޭ މީހެއް، ޒަކިއްޔާ ދުވަހަކުވެސް ކޮޓަރިންވެސް ނުކުމެ ނޫޅޭނެ ބުރުގާ ނާޅައެއް، އެހެންވީމާ އެ ދުވަހު ހުރިހާ އެންމެންނަށް ފެންނާނެހެން ބުރުގާ ނާޅާ އަދި ބަދިގެފަރާތަށް ދާނެހެއްޔޭ ސުވާލަކީ،

ރަށުގެ މީހުން ދެއްކި ވާހަކަތަކުން ހާމަވި ގޮތުގައި، ޒަކިއްޔާ ފެނުނު އިރު އޭނާ ބުރުގާ އަޅައިގެން ނެތްކަމަށް ބުނެއެވެ. މީގެ އިތުރުން، ފަހަކަށް އައިސް އެ ރަށުގެ ޕަމްޕް ސްޓޭޝަނެއް ބަންދުވެގެން ބެލިއިރު، އެތަނުން ބުރުގާއެއް ފެނިފައިވާ ކަމަށް ވެއެވެ. ބައެއް ފަރާތްތަކުން މި ދެ ހާދިސާ ގުޅުވަން މަސައްކަތް ކުރި ނަމަވެސް، ކަމާގުޅުންހުރި ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދެނީ މި ދެ ހާދިސާގައި ގުޅުމެއް ނެތްކަމަށެވެ.

މި މަހު 8 ހާ ހިސާބު މި ރަށު ޖަންކްޝަންގެ ޕަމްޕް ސްޓޭޝަނެއް ބްލުކޮށްވެގެން ބެލިއިރު އެތަނުން މި ނަގަނީ ބުރުގާއެއް، ދެން މީހަކު ބުރުގާއެއް ކަހަލަ އެއްޗެއް ފްލަޝް ކުރާނެތަ. އެކަމަކު މި ވާހަކަވެސް ވަނީ އޮއްބާލާފައި، ފުލުހުންވެސް އެކަމަށް ތަހުގީގެއްވެސް ނުހިންގާ،

ޒަކިއްޔާގެ ހަށިގަނޑު ފެނުނު ހިސާބުގައި، އޭނާގެ ކަރުގައި ވަޅި އަޅާފައިވާއިރު، ވަޅި ވެސް ކައިރީގައި ފެންނަން އޮތެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގޭގެ ބަދިގެ ކައިރީގައި ހުރި ގުދަނެއްގެ ކައިރިންނެވެ. އަދި އެތަނުގައި މަސް ކެނޑުމަށް ބޭނުންކުރާ ބާވަތުގެ ބޮޑު ވަޅިއެއް އޮތްކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަން ކުޑަކުރުމަށްޓަކައި، މި މަރާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަކީ މުހިންމު ކަމެކެވެ. އަދި މި ހާދިސާއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރަށުގެ ރައްޔިތުން ހިއްސާކުރި މަޢުލޫމާތުގެ އަލީގައި، މުޅި ރަށް ވަނީ ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން ރޭގަނޑު 10 ގެ ފަހުން މީހުން ގޭން ބޭރަށް ނުކުތުން ވަނީ ހުއްޓިފައެވެ. މި މައްސަލަ ދިގުލައިގެން ދާއިރު، މީހުންގެ މެދުގައި އުފެދެމުންދާ ސުވާލުތަކުގެ ތެރޭގައި، މި މައްސަލައިގައި ”ޕްރައިމް ސަސްޕެކްޓެއް“ ހުރިތޯ ނުވަތަ ނޫންތޯ ވެސް ހިމެނެއެވެ.

މުޅި ރަށް މިހާރު މި އޮތީ ބިރުވެރިކަމެއްގެ ތެރޭގައި، ރަށުގެ މަގުމަތިން މީހަކު ރޭގަނޑު 9، 10 ގެ ފަހުން ފެންނަނީއެއް ނޫން، އަސްލު މުޅި ރަށް އެއްކޮށްހެން ނަފްސާނީވެފަ ވަނީ، ނަމަވެސް މިވާހަކަ ދައްކާނެ މީހަކު ނެތް، މިއީ ބޮޑު ކޭސްއެއް އަސްލު، މިހާތަނަށް މި މައްސަލައިގެ އެންމެ ކުޑަމިނުން ޕްރައިމް ސަސްޕެކްޓެއް ގެންދާހާ ދުވަސް ވެއްޖެ ނޫންތޯ،

ޒަކިއްޔާގެ ހިތާމަވެރި މަރުވުމާ ގުޅިގެން، މުޖުތަމަޢުގައި ތަފާތު ވާހަކަތަކާއި ޚިޔާލުތައް ފާޅުކުރެވެމުންދިޔަ ނަމަވެސް، މި ހާދިސާގެ ފަހަތުގައިވާ ތަފްޞީލީ މަޢުލޫމާތުތައް ކަމާބެހޭ ރަސްމީ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތެއް ކަމަށް ބުނެވޭއިރު، އަނެއްބައި ފަރާތްތަކުން ސުވާލު އުފައްދަމުންދަނީ ޒަކިއްޔާގެ މަރުވުމާ ގުޅިގެން އިތުރު ތަޙްޤީޤު ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. މި މައްސަލައިގެ ޙަޤީޤަތް ހާމަވުމަކީ ގިނަ ބައެއްގެ އިންތިޒާރެއް ކަމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: