އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަނާއި ހަވާލުކުރެވިފައިވާ ޒިންމާތައް ފުރިހަމައަށް އަދާނުކުރާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެމްބަރ އާދަމް ޒާހިރު ހުށަހަޅުއްވައިފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުއަށް އިސްލާހު ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރ ވިދާޅުވީ، ފެންނަމުން ދަނީ ރާއްޖޭގައި ހިނގާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި ދޫވެގެންދާތަން ކަމަށެވެ.
މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ އަލަށް ކުރާ ކަމެއް ނޫންކަމަށާއި ފާއިތުވި ސަރުކާރުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އައްޔަނުކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދިންކަމަށް މެމްބަރ ވިދާޅުވިއެވެ. އަދި އިސްލާހު ކުރެވިގެންދާ ޤާނޫނާއެކު އެ ކޮމިޝަންގެ ރައީސް އައްޔަންކުރުމާއި ވަކި ކުރުން ކުރިއަށް ގެންދާނީ ސަރުކާރުންކަމަށާއި އެކަމުގެ ސަބަބުން އެ ކޮމިޝަންތަކަށް ފާޑުކިޔުމުގެ ފުރުސަތު ކުޑަ ވެގެންދާނެ ކަމަށްވެސް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ.
ކޮރަޕްޝަންގެ ކަންތައްތަކަށް ބަލާއިރު، ކުރީ ސަރުކާރުން އެންޓި ކޮރަޕްޝަންގެ 5 މުވައްޒަފުން އެއް ފަހަރާ ބަދަލު ކުރައްވާފައިވޭ. އަދި ކޮމިޝަންގެ ބޭފުޅުން ކޮމިޝަންގެ ރައީސް ނަގާ ގޮތަށް މި އޮންނަނީ، އެހެންމަ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެގޮތަށް އައްޔަނު ކުރެވުނު އައު ކޮމިޝަންވެސް ނޫނީ 5 އަހަރުގެ މުއްދަތެއް. އެހެންކަމުން މިހާރު އޮތް ކޮމިޝަނަކީ އެ ކޮމިޝަނުގެ އުރުގައި ދުވަސްކޮޅެއް ބާކީ އެބައޮތް، އެ ކޮމިޝަންވެސް ރަނގަޅަށް މަސައްކަތް ކުރާނެ ގޮތް ބަލަންޖެހޭ
އެމްޑީޕީއިން ކޮމިޝަންތަކަށް ނަގާފައިތިބި މެމްބަރުންނަކީ އެއްވެސް ޕްރޮފެޝަނަލިޒަމެއް ނެތް ބޭފުޅުންތަކެއް ކަމަށް މެމްބަރ ވިދާޅުވިއެވެ. ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ، އެފްއޭމްގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައިވެސް އެ ކޮމިޝަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން އެއްވެސް ހައްދެއް ނެތި ކޮމިޝަންތަކުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް އޮތުމުގެ ސަބަބުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުއަށް އިސްލާހު ގެނެއުން މުހިންމުކަމަށް ވަނީ ވިދާޅުވެފައެވެ.

