ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އިސްތިއުނާފު މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މިދިޔަ މަހުގެ 27 ގައި އަނބުރާ ފޮނުވާލާފައި ވަނީ، ޖިހާދު ދިރިއުޅުއްވާ ގޭގެ އެޑްރެސް ސާފު ނުކުރެވޭތީ ޗިޓު ހަވާލު ނުކުރެވިގެންނެވެ.
ޕީޖީ އޮފީހުން ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާކަމަށް އެ ގެއަށް ޗިޓު ހަވާލު ކުރަމަށް ދިއުމުން ބުނެފައި ވާތީ، މައްސަލަ ބޭރުކޮށް ހައިކޯޓުން ބުނީ އެ އިންތިޒާމު ހަމަޖައްސައި، އޭނާ ދިރިއުޅޭ ގެ ސާފު ކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެހެން ނަމަވެސް އެ މުއްދަތު މި މަހުގެ 13 އަށް ހަމަވެފައިވާތީ، އެ ކޯޓުން ނިންމީ އަލުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށެވެ. ޖިހާދު ރާއްޖެއަށް ވަޑައިގަތުމުން މައްސަލަ ހުށަހެޅިއިރު މުއްދަތު ހަމަވިތާ 15 ދުވަސް ވަނީވެފަ އެވެ.
އެކަމާ ގުޅޭގޮތުން ”ސަންގު“ އާ ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ހައިކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން މުރާޖައާ ކުރުމަށް ދައުލަތުން މިހާރު ނިންމާފައިވާ ކަމަށެވެ.
ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ސަރުކާރާއި ބޭރުގެ ކުންފުންޏެއް ގުޅިގެން ކޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު ލަފައާއި ހިލާފަށް ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 އިންސައްތަކަމަށް އެއްބަސްވުމުގައި އޮއްވައި ސޮއިކުރިކަމަށް ބުނެއެވެ.
އެކަމަކު މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު މަދަނީ މިންގަނޑުން ބެލުމަށްފަހު އެވެ. އެހެންކަމުން ދައުލަތުން އިސްތިއުނާފު ހުށަހެޅީއެވެ.

