ހަރަދުތައް ރެކޯޑުކުރުމުގައި ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށްފަހު ފިނޭންސް މިނިސްޓްރީއިން މާލީ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ.
ދިވެހިރާއްޖޭގެ މާލީ ތަފާސްހިސާބުތައް އާންމު ނުކުރާކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު ސަރުކާރުންވަނީ އެ މަސައްކަތްތަކުގެ ތެރެއިން މައްސަލަތަކެއް ފާހަގަކުރެވި އިސްލާހުކުރަން ޖެހިފައިވާކަން ހާމަކޮށްފައެވެ. އަދި ނިމިދިޔަ އަހަރުގެ ތެރޭގައި ރެކޯޑުނުކުރެވި ހުރި 2 ބިލިއަނާއި ގާތް ކުރާ އަދަދެއްގެ ފައިސާގެ ތަފްސީލުތައް ކަށަވަރުކުރުމަށްޓަކައި އޮޑިޓް އޮފީސް މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުންދާކަންވެސް ހިއްސާކޮށްފައިވެއެވެ. އެހެންކަމުން 2023 ވަނަ އަހަރު ކޮށްފައިވާ ހަރަދުތަކަށް ބަދަލުތައް އައުން އެކަށީގެންވާކަމަށްވެސް މީގެ ކުރިން އިޝާރާތްތަކެއް ކޮށްފައިވެއެވެ.
އެ އަހަރެއްގެ ހަރަދުތައް އެ އަހަރެއްގެ މާލީ ހިސާބުތަކުގައި ހިމެނުމަށް އޮޑިޓަރ ޖެނެރަލް ލަފާ ދެއްވާފައިވާކަމަށްވުމުން 2023 ވަނަ އަހަރުގެ ހަރަދުތައް އެ އަހަރުގެ ތެރޭގައި ރެކޯޑުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި މިހާރު ހިސާބުތައް އާންމުކުރުމުގެ މަސައްކަތްތައް ކުރެވިފައިވަނީ ފާހަގަކުރެވުނު ބޮޑު މައްސަލައާއި ހިސާބުތައް އާންމުކުރުމުގައި މީގެ ދުވަސްތަކެއް ކުރިން އޮޑިޓަރ ޖެނެރަލްގެ ފަރާތުން ލަފާ އަރުވާފައިވާގޮތުގެ މަތިންކަމަށެވެ.
ޖޫން މަހުން ފެށިގެން ހަފްތާގެ ހަރަދުތަކާއި އެފަދަ މައުލޫމާތުތައް އާންމުކުރުން މެދުކެނޑިފައި އޮތުމަށްފަހު މިހާރު ސަރުކާރުންވަނީ އެ ހުރިހާ މައުލޫމާތުތަކެއް އާންމުކޮށްފައެވެ. އަދި މި އަހަރު މުސާރައަށް ކުރާ ހޭދަ ބޮޑުވެފައިވާކަން ފާހަގަކުރެވޭއިރު ސަބަބަކީ ސިފައިންނާއި ފުލުހުންގެ މީގެ ކުރިން ޕޭހާމަނައިޒޭޝަން މަސައްކަތްތަކުގެ ތެރެއިން މަތި ކުރެވިފައިވާ މުސާރައިގެ އަދަދުތަކާއި ގުޅިގެންކަމަށްވެސް ބުނެފައިވާއިރު މި އަހަރުގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު ހަރަދުތައް ނިސްބަތުން ހިފެހެއްޓިފައިވާކަން ފެނިގެންދެއެވެ. މުޅި ޖުމުލަ ހަރަދަށް އިތުރުވެފައިވަނީ 700 މިލިއަން ރުފިޔާއެވެ.
ސަޕްލިމެންޓަރީ ބަޖެޓު ހުށައެޅުމާއިއެކު ސަރުކާރުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު އެއްކޮށް ބޭނުންކޮށްފައިވާކަމުގެ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ހިއްސާކުރަމުންދާއިރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ބަޖެޓު ހުސްނުވާކަން ފެނިގެންދެއެވެ. އަދި ސަޕްލިމެންޓުކުރުމަށް ހުށައަޅާފައިވަނީ އިތުރު ހަރަދުތަކެއް ހިނގާނެކަމަށް އަންދާޒާތައް ކުރެވޭކަމަށްވުމުން ކަމަށްވާއިރު ގާނޫނުގައި ވަނީ ހަރަދުކުރުމުގެ ކުރިއަށް ސަޕްލިމެންޓަރީ ބަޖެޓަށް އެދި ހުށައެޅުމަށް ބަޔާންކޮށްފައިކަން ފާހަގަކުރެވެއެވެ.
މި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކު މި އަހަރަށް ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަކީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ކަމަށްވާއިރު މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުގެ 74 އިންސައްތަ ހޭދަވެފައިވާކަންވެސް މީގެ ކުރިން ހާމަކޮށްފައިވެއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރީ ސަރުކާރާ ޚިލާފަށް މި ސަރުކާރުން ސަޕްލިމަންޓް ހުށަހަޅަނީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށެވެ. އަދި ފާއިތުވި ތަނުގައި ކުރީ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ ޚަރަދު ކުރުމަށްފަހުގައިކަން 19 ވަނަ މަޖިލީހުގެ ރިޔާސަތުންވެސް ވަނީ އެ މަޖިލީހުގައި ތަކުރާރުކޮށް ފާހަގަކޮށްފައި ކަމަށް ޒަމީރު ވިދާޅުވިއެވެ.
ސަޕްލިމަންޓް ކުރުމަށް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައިނުވުން ހިމެނޭކަމަސްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަންޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގައި، ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.

