60 ޕޮލިސް ސްޓޭޝަނެއް އެޅުމަށް ކޮންޓްރެކްޓު ކުރި އިންޑިއާގެ އިންދިރާ ޕްރޮޖެކްޓު ކުންފުނިން ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގައި ހުންނަ ގެއެއް އިމާރާތް ކުރަމުންދާކަމަށް ތުހުމަތު ކުރި މައްސަލައިގެ އެއްވެސް ތަހުގީގެއް ކުރިޔަށް ދާނަމަ ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އޭނާ ހުށަހަޅުއްވައިފި އެވެ.
ފައްޔާޒް އަމިއްލަ މަންފާ ނެންގެވިކަމަށް ތުހުމަތުކޮށް ހޯމް މިނިސްޓަރ އަލީ އިހުސާން މަޖިލީސް ތަޅުމުގައި ދެއްކެވި ވާހަކައިގައި ވިދާޅުވި ގޮތުގައި ކުންފުނިން މަސައްކަތް ކުރަމުން ދަނީ އޭނާގެ ގެ ހަދައިދިނުމަށެވެ. މި މައްސަލައިގައި މެމްބަރުން ވަނީ ފައްޔާޒަށް ކުރާ ތުހުމަތު އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށް ގޮަވާލާފަ އެވެ.
މީޑިއާތަކުގައި ދެކެވޭ ވާހަކައިގެ ރައްދުގައި ފައްޔާޒް ވަނީ މައްސަލަ ބަލައިދިނުމަށާއި، ތަހުގީގެއް ކުރިޔަށް ދާނަމަ ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، ފުލުހަށް ހުށަހަޅާފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ފައްޔާޒް ވިދާޅުވީ ކުރީ ސަރުކާރުން 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކުރި މަޝްރޫރުއަށް ބޭނުންވާ 3.6 މިލިއަން ޑޮލަރު އެ ކުންފުންޏާއި ހަވާލު ކުރި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދާކަމަށް އިހުސާން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
މަޝްރޫއު މެދުވެރިކޮށް ފައިސާ ނަގައި އޭގެއިން އޭނާ މަންފާ ނެންގެވިކަމަށް މީޑިއާތަކުން ހަބަރު ގެނައި ނަމަވެސް ކަން ހިނގައިދިޔަ ގޮތް އެނގޭ މިންވަރަކުން އެކިއެކި ޕްލެޓްފޯމުތަކުގައި ހިއްސާކޮށްފައިވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހެން ނަމަވެސް މައްސަލައިގައި ތަކުރާރުކޮށް މި ސަރުކާރުން ދަނީ އަސްލު އޮޅުވާލައި ދޮގު ވާހަކަތަކެއް ފަތުރަމުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މަޝްރޫއުއާއި ގުޅުވައި ސަރުކާރުން ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށް ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތަޅުމާއި އެހެން ތަންތަނުގައި މަޝްރޫއުއާއި ގުޅޭގޮތުން ސަރުކާރުގެ ވެރިން ވެސް ވާހަކަ ދައްކަނީ ސިޔާސީ މަގުސަދެއްގައިކަމަށް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.
މި ތުހުމަތު ކުރާތާ އަހަރެއްވީއިރު ތަހުގީގަށް އެއްވެސް ސުވާލެއްކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދައި ފައްޔާޒް ވިދާޅުވީ އޭނާ ހުރީ މުވައްސަސާތަކަށް ޖަވާބުދާރީވުމަށް ތައްޔާރަށްކަމަށެވެ.
ވީމާ އެކަމާ ގުޅިގެން ތިޔަ ކޮމިޝަނުން އެއްވެސް ތަހުގީގެއް ކުރަމުންދާ ނަމަ ވީއެންމެ އަވަހަށް، އެ ތަހުގީގު ނިންމައި އަޅުގަނޑަށް މިކަމުގައި ފުރިހަމައަށް ޖަވާބުދާރީވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދެމެވެ. އަދި ތަހުގީ ކުރަމުން ނުދާނަމަ މިނިސްޓަރ އިހުސާން ކުރައްވާފައިވާ ތުހުމަތުތަކުގެ އެންމެ ފުނަށް ވާސިލުވެ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެދި ދެންނެވީމެވެ.
މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ފޮނުވި ސިޓީގައި ވަނީ އޭނާއާއި ގުޅޭ އެއްވެސް ތަހުގީގެއް ކުރިޔަށް ދާނަމަ އެކަމެއް ހާމަކޮށްދިނުމަށް އެދިފަ އެވެ. އަދި ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭނެ ގޮތެއް ހޯދައިދިނުމަށް ވެސް އެދުނެވެ.

