އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ މަރުކަޒުތަކާއި އަމާން ވެށިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ”ސްޓޭޓް ކެއާރ ޑިވިޜަން“ މިނިސްޓްރީ އޮފް ސޯޝިއަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓުން ފަށައިފިއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި މިނިސްޓްރީން ބުނެފައި ވަނީ ސްޓޭޓް ކެއާރ ޑިވިޜަން އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގައި އުފެދިފައި ހުރި އެކިއެކި މަރުކަޒުތަކާއި އަމާން ވެށި، އަމާން ހިޔާ ހިންގުމުގައި އެންމެ ރަނގަޅަށް އެންމެ ހަރުދަނާކޮށް ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
މި މަރުކަޒުތަކުގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ މަސައްކަތަށް ގާބިލް ބަޔަކަށް ހެދުމަށްޓަކައި ޓްރެއިނިންތަކެއް ދިނުމާއި މިފަދަ ހުރިހާ ކަމެއްވެސް ސްޓޭޓް ކެއާރ ޑިވިޜަންގެ ތެރެއިން ކުރާކަމަށެވެ.
މިނިސްޓްރީން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ އަތޮޅު ތެރޭގައި ހުރި މަރުކަޒު ތަކަށާއި އަދި ހާއްސަކޮށް އެ މަރުކަޒުތަކުގައި ތިބި ކުދިންނަށްވެސް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ބަލައި އެކަމަށް ކޭޓާ ކުރުމެވެ.
”ސްޓޭޓް ކެއާގެ މަސައްކަތްތައް ބަހާލެވިފައި ވަނީ ދެ ބަޔަކަށް، އެއް ބަޔަކީ އިދާރީ ގޮތުން އަޅުގަނޑުމެންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އޮންނަ ބައެއް. އެއީ އާއްމުކޮށް ކިޔާނަމަ އެޑްމިން ބައެއްގެ ގޮތުގައި. އަނެއްބަޔަކަށް މިއޮންނަނީ ބޮޑަށް ކޭސްތަކާއި ނުވަތަ ދިމާވާ މައްްސަލަތައް ހިމެނޭ ބައެއް“
ސްޓޭޓް ކެއާރގެ މަސައްކަތްތައް ދެބަޔަކަށް ބަހާލެވިފައިވާއިރު އެ ދެބަޔަށްވެސް ވަކި ގްރޫޕެއް މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓްރީގެ ފަރާތުން ވަނީ ބުނެފައެވެ. އަދި 24 ގަޑިއިރު އަތޮޅުތެރޭގައި ތިއްބެވި ބޭފުޅުންނާއިއެކު ކޯޑިނޭޓް ކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ސޯޝިއަލް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ އަތޮޅުތެރޭގައި ހުރި އަމާންވެށިތަކުން ކޮންމެ ދުވަހަކު އަންނަ އެކި ރިޕޯތް ތަކަށް އެޓެންޑް ކުރާ ކަމަށާއި އަދި މިނިސްޓްރީން ”އިތާ“ގެ ނަމުގައި ޕޯޓަލްއެއްވެސް ކޮންމެ ދުވަހެއްގެ ކޭސްތަކާއި ގުޅިގެން ރިޕޯޓް ކުރުމަށް ގާއިމްކޯށްފައިވާ ކަމަށެވެ.

