މަސްވެރިންނަށް ދޭންޖެހި ނުދެވިހުރި ފައިސާ ދޫކުރުމަށް މިހާރު މިފްކޯއާއި ހަވާލު ކޮށްފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސް މެދުވެރިކޮށް ޙިއްޞާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވަނީ، މިއަދާ ހަމައަށް މަސްވެރިންނަށް ދޭންޖެހި ނުދެވިހުރި ފައިސާގެ ޖުމްލަ އަދަދު އެ ފަރާތްތަކަށް ރައްދުކުރުމަށްޓަކައި މިފްކޯއާ ޙަވާލުކުރެވިފައިވާ ކަމަށެވެ.
އައު ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު، މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް ވަނީ ވަޢުދުވެފައެވެ.
މި ވަޢުދު ފުއްދުމަށް ދަތިވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ކަމާބެހޭ ވަޒީރު ވިދާޅުވެފައިވަނީ މި ވަޢުދު ފުއްދުމަށް ހުރަސްއެޅެމުންދަނީ ޤައުމުގެ މާލީ ޙާލަތު ދަށްވެފައިވުމުގެ ސަބަބުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ފަދައިން، 48 ގަޑިއިރުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދޫކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދައުރު ނިމުނުއިރު، މަސްވެރިންނަށް ދޭންޖެހި ނުދެވިހުރި ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށްވުރެ އިތުރުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 1.1 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

