މި އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ ނިމިދިޔަ އަހަރަށްވުރެ އިތުރުވެފައިވާކަންް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބެޖެޓުން ކޮށްފައިވާ ހަރަދުތައް ބަޔާންކޮށް ސަރުކާރުން އާންމުކޮށްފައިވާ ހަފްތާގެ ތަފާސް ހިސާބުން ދައްކާގޮތުން މި މުއްދަތުގެ ނިޔަލަށް ޖުމުލަކޮށް ބަޖެޓުން ބޭނުންކޮށްފައިވަނީ 37.74 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 10 ބިލިއަނާއި ގާތްކުރާ އަދަދެއް ބަޖެޓުގައި ހުރިކަން ފެނިގެންދާއިރު ހަރަދުތަކުގެ ތެރެއިން 28 އިންސައްތައަކީ ރިކަރެންޓު ހަރަދުތައް ކަމަށާއި ކެޕިޓަލް ހަރަދުތައް ހުރީ 72 އިންސައްތައިގައިކަމަށްވެސް ފިނޭންސްއިން ބުނެފައިވެއެވެ.
މި އަހަރުގެ އޮކްޓޫބަރު 24 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 28.2 ބިލިއަންކަމަށްވާއިރު ނިމިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 27.8 ބިލިއަންކަން ފާހަގަކުރެވެއެވެ. އެހެންކަމުން މި އަހަރު އާމްދަނީ އިތުރުވެފައިވާއިރު ބަޖެޓުން ހަރަދުކޮށްފައިވަނީ މި ދެ އަހަރުގައިވެސް ދާދި އެއްވަރަކަށް ކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 37.74 ބިލިއަންކަމަށްވާއިރު ނިމިދިޔަ އަހަރު 36.99 ބިލިއަންކަން ހިސާބުތަކުން ފެނެއެވެ. ރިކަރެންޓު ހަރަދުތައް އިތުރުވެފައިވާއިރު މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މުސާރައިގެ ގޮތުގައި ކުރާ ހޭދަ އިތުރުވެފައިވުމެވެ. މި މުއްދަތުގައި ކެޕިޓަލް ހަރަދުތައްވަނީ ދަށްވެފައެވެ. މުސާރައިގެ ގޮތުގައި ކުރާ ހޭދަ އިތުރުވެފައިވަނީ ޕޭ ހާމަނައިޒޭޝަން މަސައްކަތްތަކުގެ ސަބަބުންކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.
މި އަހަރު އާމްދަނީ އިތުރުވެފައިވާއިރު މައިގަނޑު ސަބަބެއްގެ ގޮތުގައި ފެނިގެންދަނީ ޓެކްސް އާމްދަނީ އިތުރުވެފައިވުމެވެ. މި އަހަރުގެ ތެރޭގައި ޓެކްސް ނޫން އާމްދަނީގެ އަދަދުތައްވަނީ ދަށްވެފައެވެ. މި އަހަރު ލިބިފައިވަނީ 6.19 ބިލިއަންކަމަށްވާއިރު ނިމިިދިޔަ އަހަރު މި މުއްދަތަކުގައި 7.09 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

