ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތައް އެއްލައްކަ ރުފިޔާއިން ޖުރިމަނާ ކުރެވޭ އިސްލާހެއް މަޖިލީހަށް

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ގާނޫނާއި ހިލާފު އަމަލެއް ހިންގައިފި ނަމަ، އެ މީހަކު ޖުރިމަނާ ކުރުމުގެ އިތުރުން ނިސްބަތްވާ ޕާޓީ ވެސް އެއްލަކަ ރުފިޔާއިން ޖުރިމަނާކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމާއި ގާނޫނާ ހިލާފުވާ ހާލަތްތައް މަދު ކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމަށްޓަކައި ވަކިވަކި އަމަލު ކުރާ ފަރާތްތައް ޕާޓީ ހިމެނޭހެން ޖުރިމަނާ ކުރުމެވެ. އަދި ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމު ގާނޫނުގެ ޖަދުވަލުގައި ހިމެނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާއި އެއްގޮތްވާގޮތުގެ މަތީން ހުށަހެޅޭ ގޮތަށް ހަމަޖެއްސުމަށެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ޕާޓީއެއްގެ ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ މަތީން އީސީ ކަނޑައަޅާ ނަމޫނާއަކާއި އެއްގޮތުގެމަތިން އެކުލަވާލާ ފޯމު މެދުވެރިކޮށް ރެޖިސްޓްރޭޝަން ފީއާއި އެކުކަމަށެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އުސޫލާ ގުޅޭގޮތުން އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގެ މާއްދާއަކާއި ހިލާފުވާ ފަރާތެއް 30،000 ރުފިޔާއާއި، 75،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރުމާއެކު އެ ޕާޓީއެއް އެއް ލައްކަ ރުފިޔާއިން ޖުރުމަނާ ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކޮށްފައިވާ ކެންޑިޑޭޓެއް އެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަކޮށްގެން ނުވާނެކަމަށް ބުނާ މާއްދާ އުނި ކުރުން ހިމެނެ އެވެ. ޕާޓީއެއްގެ ޕްރައިމެރީއެއްގައި ވާދަކުރުމަށް ފަހު އިންތިހާބުތަކުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ބާތިލު ކުރެވޭ ގޮތަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބުގައި ވާދަކުރުމަށް އެފަދަ ހާލަތެއްގައި ފޯމު ހުށަހަޅެމުން، އިލެކްޝަންސް ކޮމިޝަނުން ކެންޑިސެސީ ބާތިލު ކުރަން ޖެހޭނެ އެވެ.

އެ މާއްދާއާއި ދެކޮޅަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓަށް 2019 ގައި ހުށަހެޅުމުން ނިންމީ އެއީ ގާނޫނާއި ހިލާފު މާއްދާއެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅިއިރު، އިންތިހާބުގައި ލިބޭ ވޯޓުތަކުގެ އިންސައްތައަށް ބަލައި ސިޔާސީ ޕާޓީއަށް ފައިސާ ދޫކުރާ ކަރުދާހެއް އޮތީ ތައްޔާރުކޮށްފަ އެވެ. އެހެން ނަމަވެސް އެ އިސްލާހު މި ބިލުގައި ހިމަނާފައި ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: