އެކި ފިޔަވަހިތަކަށް ބަހާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތުގެ އެއްބައި، މިހާރު ހިނގަމުންދާ ދައުރުގައި ވެސް ކުރިޔަށް ދާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ގާނޫނީ ބަހުސްތައް ގިނަ އުފެދިފިވާ މައްސަލަތަކާއި، ފުށު އަރާ ގާނޫނުތައް އިސްލާހު ކުރުން ބަންޑާރަ ނައިބުގެ އޮފީހުން އެކުވަލާލި މަަސައްކަތުގެ ކަރުދާހުގައި ވެސް އެވެ. އެގޮތުން މިދިޔަ އަހަރެއް ތެރޭގައި ކުރެވުނު މަސައްކަތާއި، ކުރިޔަށް ރޭވިފައި ހުރި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހުތައް ހުށަހަޅާނީ އެކުއެކީގައިކަމަށް ކުރިން ހާމަކުރި ނަމަވެސް މިހާރު ގަސްތު ކުރަނީ އެ މަރުހަލާ ފިޔަވަހިތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ކަމަށެވެ.
ދެ ފިޔަވަހި، ނުވަތަ ތިން ފިޔަވައްސަކަށް ބާހާލައިގެން ކުރިޔަށް ގެންދާނެ އެ މަސައްކަތާއި ގުޅޭގޮތުން އުޝާމް ވިދާޅުވީ އިސްލާހު ގެނައުމުގެ އާންމުންގެ ހިޔާލު ހުރި ގޮތް ވެސް ބަލަން ޖެހޭކަމަށެވެ. އަދި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދަން ޖެހޭކަމަށް ސަރުކާރުން ދެކޭކަމަށް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި މި މަސައްކަތްތައް ކުރުމުގައި ވަގުތުތަކެއް ނަގާނެއެވެ. އަދި އެންމެ ފުރަތަަމަ ގެނައުމަށް ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ. އުޝާމް ވިދާޅުވީ، ބާކީ ހުރި އިސްލާހުތައް އަންނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށައެޅޭތޯ ،މަސައްކަތްކުރަމުންދާކަމަށެވެ.
އޭޖީ އޮފީހުން ކުރަމުންދާ އާންމު މަސައްކަތްތަކުގެ ބޭރުންވެސް ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ތެރޭގައި 40 ބިލު ހުށައަޅާފައިވާކަމަށްވެސް އުޝާމް މައުލޫމާތު ދެއްވިއެވެ. އެގޮތުން ސަރުކާރުގެ އިގްތިސާދީ ތަސައްވުރާއި ގުޅޭގޮތުން މިވަގުތު ހުށައަޅަން ބޭނުންވާ ހުރިހާ ބިލެއް ފޮނުވާފައިވާކަމަށާއި މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ގާނޫނަށް ގެންނަން ބޭނުންވި އިސްލާހާއި މުދަލުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައުމަށް އެދުނު އިސްލާހުގެ އިތުރުން އެއަރޕޯޓު ޓެކްސްއަށް ބަދަލު ގެނައުންވެސް ހިމެނޭކަމަށެވެ.
އުޝާމް ވިދާޅުވީ، ސަރުކާރުން ވަނީ އެކްސްޕޯޓު އިމްޕޯޓު ގާނޫނަށް ގެނަން ޖެހޭ އިސްލާހުތައްވެސް މަޖިލީހަށް ހުށައަޅާފައިވާނެކަމަށާއި މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށައެޅިފައިވާ ހުރިހާ އިސްލާހުތަކެއްވެސް ފާސްވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހައްލުކުރަން ބޭނުންވާ އިޖްތިމާއީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ތިން މަސައްކަތްތަކެއްވެސް ހިމެނޭކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ، އެ ތިންކަމަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމާއި މަސްތުވާތަކެތީގެ މައްސަލައިގެ އިތުރުން ގޭންގު ކުށްތަކުގެ މައްސަލަ ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހުށައެޅި އިސްލާހު މިހާރު ވަނީ މަޖިލީހުން ފާސްކޮށްފައިކަމަށާއި ގެނެވިފައިވާ ބަދަލުތަކާއި ގުޅިގެން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާކަމަށެވެ. އެހެންކަމުން އެ އިސްލާހުތަކާއިއެކު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލައަށް ހައްލެއް ގެނެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
އުޝާމް ވިދާޅުވީ، ޑްރަގްގެ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސްތުވާތަކެތީގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކުގެެ މަސައްކަތްތައް އޭޖީ އޮފީހުން ކުރަމުންދާކަމަށާއި މި ދައުރުގައިވެސް މަޖިލީހަށް އެ ބިލު ހުށައެޅުމަށް މަސައްކަތްކުރަމުންދާކަށެވެ. އަދި ކުރަމުންދާ މަސައްކަތްތަކަށް ބެއްލެވުމުން މި ދައުރުގެ ތެރޭގައި އެ ބިލުވެސް މަޖިލީހަށް ހުށައެޅޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީއިންވަނީ މުޅިން އައު ބިލެއް ފަރުމާކުރުމަށްފަހު އެ އޮފީހަށް ފޮނުވާފައިކަމަށާއި މިހާރު ބިލުގެ ތަފްސީލުތައް ރިވިއުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. އުޝާމް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުންދަނީ އެ ބިލުވެސް ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގައި ހުށައެޅުމަށްކަމަށާއި އަމާޒަކީ ދައުރު ނިމުމުގެ ކުރިން ހުށައެޅި ފާސްވުންކަމަށެވެ.

