މި ސަރުކާރުގެ ފަސް އަހަރުތެރޭ ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނަށް އިތުރު ކުރައްވާނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރައްކާކުރެވޭ މަހުގެ ކެޕޭސިޓީއާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު މަސް ރައްކާކުރެވޭ ކެޕޭސިޓީއަކީ 8500 ޓަނުކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ފުރިހަމަވާއިރު ރާއްޖޭގައި މަސް ކިރުވޭ ކެޕޭސިޓީ 25000 އަށް ބަދަލުކުރެވޭނެ ކަމަށެވެ.
އަޅުގަނޑުމެން މިއުޅެނީ އިރާދަކުރެއްވިއްޔާ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް. ދިވެހިރާއްޖޭގެ ސްޓޯރެޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު ހުންނާނީ 25000 ޓަނަށްވުރެ މަތީގައިވިއެވެ.
މިނިސްޓްރީން އަންނަނީ ކެޕޭސިޓީ އިތުރުކުރުމުގެ ބިޔަ މަޝްރޫއެއް މިހާރުވެސް ކުރިއަށް ގެންދަމުންނެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ މިފްކޯއަށް މަސްވެރިން ކިރުވި މަހަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ދީ ހަލާސްކުރާނެ ކަމަށެވެ. ޝިޔާމް ވިދާޅުވީ، މިހާރު މަސްވެރިންނަށް ނުދެއްކި ބާކީ ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ.
މާދަމާ މަސްވެރިންނާ ހިސާބަށް މިހާރު ހުރި ބެކްލޮގް އެއްކޮށް، ނޫނީ މިހާރު މަސްވެރިންނަށް ނުދެވި އިން ފައިސާއެއް ވެއްޖިއްޔާ، މަސް ކިރާފައި މަސް ގަނެފައި ނުދެވިފައި އިން ފައިސާއެއް ވެއްޖިއްޔާ މާދަމާއަށް ހިސާބަށް ލިބިގެން ދާނެ
މަސްވެރިން ބާނާ މަސް ގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، އެ ވައުދުފުޅުގެ މަތިން ހަނދާން ނުނެތޭ ކަމަށާއި މި ސަރުކާރުން އެ ވައުދުފުޅު ފުއްދާނެ ކަމަށެވެ.
ރައީސް މުއިއްޒު، ވަނީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިހާރު މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ވަނީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

