ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން 3 މީހަކަށް ދައުވާކޮށްފައިވެއެވެ. އެއީ ކ މާލޭ މ ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް، ހ ނޫރަންމާގެއާގެ އިކްރާމުއްރަޙްމާން އަދި ގއ ކަނޑުހުޅުދޫ އާޒާދުގެ ޖިނާހު އިސްމާއިލްގެ މައްޗަށެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ލިއެކިއުންތައް ލިބިފައިވޭތޯ ސުވާލު ކުރައްވައި އެކަންކަން އޮޅުންފިލުއްވާފައެވެ.
އެއަށްފަހު ބަންދު މުރާޖައާ ކުރުން ކުރިއަށް ގެންގޮސްފައިވާއިރު، އިކްރާމްއާއި އިކްރާމުއްރަޙުމާން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އޭގެ ތެރެއިން އިކްރާމުއްރަޙުމާނު ހާޒިރުވީ ވަކީލަކާއެކުއެވެ. މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު ވިދާޅުވީ، އޭނާއަކީ އެ ދުވަހު އާއިލާ މީހެއްގެ ގެއަށް ދިއުމަށް ފަސިންޖަރެއްގެ ގޮތުގައި ކާރަށް އެރި މީހެއް ކަމަށާއި، އޭނާ އިނީވެސް ކާރުގެ ފަހަތު ސީޓުގައި ކަމަށެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ހަގީގަތުގައި ކަންވީ ގޮތާ ޚިލާފަށް ހުރި މައުލޫމާތުތަކެއްގެ މައްޗަށްކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާ ބަންދު ކުރުމަށް އަމުރު ކުރެއްވި ސަބަބުތައް ވަރަށް ސާފުކޮށް އަމުރުން ފެންނަން އެބަހުރި ކަމަށާއި، އޭރު ބަންދު ކުރަން އަމުރު ކުރެއްވި ސަބަބުތައް މިއަދުވެސް އެގޮތުގެ މަތިން އެބަހުރި ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ވަކީލު ވިދާޅުވިއެވެ.
އަދި މި މައްސަލައާ ގުޅޭ އިތުރު ތަހުގީގުތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އޭނާ ފުރަތަމަ ފުލުހަށް ހާޒިިރުކުރަން ޖެހުނީވެސް ހައްޔަރުކޮށްގެންކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އޭނާ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރުން، އޭނާއާއި އިކުރާމްއަކީ ޙާދިސާ ހިނގުމުން ފުލުހުންނަށް އެއްބާރުލުން ނުދީ ފިލައިގެން ދިޔަ ބައެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް 6 ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި އެކްސިޑެންޓުވުމުން އެކަމުގެ ރިިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާއާއި، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އެކަންކަމަށް ގޮތެއް ނިންމަވައި ބާކީ ހުރި ބައިތައް ކުރިއަށް ގެންދަވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުން އޮންނާނެކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

