އައިޖީއެމްއެޗުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ މޭރީ ގްރޭސްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅޭގޮތުންނާއި، މެޑިކޯ ލީގަލް ރިޕޯޓުގައި ތައްޔާރުކޮށްދެއްވި ރައުޔާ ގުޅޭގޮތުން ހާޒިރުވި ހެކިވެރިއެކެވެ. އޭނާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފޮރެންސިކް ކެއަރ ޕެތޮލޮޖީ ކޮންސަލްޓަންޓެކެވެ.
ހެކިބަސް ދެއްވަމުން ހެކިވެރިޔާ ވިދާޅުވީ، ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ގެންދިއުމުގެ ކުރިން މޭރީގެ ހަށިގަނޑު ބަލާފައިވާނެ ކަމަށާއި، ހަށިގަނޑު އިންޑިއާއަށް ގެންދިޔައިރު އެ ޓީމުގައިވެސް ހެކިވެރިޔާ ހިމެނޭ ކަމަށެވެ. ހަމައެއާއެކު، ޕޯސްޓްމޯޓަމް ހެދި ޓީމުގައިވެސް އޭނާ ހިމެނެއެވެ.
ޑޮކްޓަރު ވަނީ ހަށިގަނޑު ފުރަތަމަ ބެލިއިރު ފާހަގަވި އަދި ޕޯސްޓްމޯޓަމް ރިޕޯޓުގައި ފާހަގަ ކޮށްފައި ނެތް ކަންކަންވެސް ކިޔާދެއްވާފައެވެ.
ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ، މޭރީގެ ލޮލުގައި ގަނޑު ލޭކޮޅުތަކެއް އުފެދިފައިވާ ކަމަށާއި، އަނގަ މަތީގައިވެސް ”ބްރޫސްތަކެއް“ ހުރި ކަމަށެވެ. އެފަދަ ފާރު އުފެދޭނީ އަނގަމަތީގައި އެއްޗެއް އަޅާ ފިތުން ފަދަ ކަމެއް ދިމާވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ނޭވާ ހާސްވެފައިވާކަމަށް ފެންނަން ހުރި ހެކިތައް ފާހަގަވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭނާގެ ނިޔަފަތިތައްވެސް ނޫވެފައިވާއިރު، އެއީ ނޭވާ ހާސްވުމުގެ ސަބަބުން ދިމާވާ ޙާލަތްތަކެއްކަމަށް އޭނާ ކިޔާދެއްވިއެވެ.
އޭގެ އިިތުރުން، އެ ކަންކަން ޕޯސްޓްމޯޓަމް ހެދިއިރު ފާހަގަވެފައިނުވަނީ ޕޯސްޓްމޯޓަމް ހެދުމަށް ހޭދަވިި މުއްދަތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޯސްޓްމޯޓަމް ރިޕޯޯޓުގައި 15 އިންޖަރީއެއްގެ ވާހަކަ ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި މަރު ވުމުގެ ކުރިން ލިބިފައިވާކަމަށް ބެލެވޭ އިންޖަރީތަކެއްގެ ވާހަކަ ހިމެނެއެވެ. އަދި ބޮލުގެ އެގްޒެމިނޭޝަން ހެދިއިރު ސިކުނޑިއަށް ލޭ އެޅިފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި، އެހެން ދިމާވަނީ ކުއްލިއަކަށް ބޯ ތަނެއްގައި ޖެހުން ފަދަ ކަމެއް ދިމާވުމުންކަމަށް ހެކިވެރިިޔާ ކިޔާދެއްވިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

