އުރީދޫ މޯލްޑިވްސް އިން އެންމެ އުފާވެރި ދުވުން ކަމަށްވާ ”ފަން ރަން“ މި ޑިސެމްބަރ މަހު 20 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށް ރެޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.
އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ފަން ރަންގެ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނެފައިވަނީ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އަދި އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދޫ ފަން ރަން – ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ. އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު 16 ނޮވެމްބަރ 2024 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި މި މަޖާ ހަރަކާތުގައި ބައިވެރިވުމަށް އުރީދޫއިން ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފައެވެ.

