2025 ވަނަ އަހަރުގެ ބަޖެޓުގައި 5 އިންސައްތައިގެ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ. 49.2 ބިލިއަންގައި ހަރަދުތައް ހުންނާނެކަމަށް ލަފާކުރެވޭ މި ބަޖެޓުގައި، ރިކަރެންޓު ހަރަދުގެ ގޮތުގައި އަންދާޒާކޮށްފައި ވަނީ 35.9 ބިލިއަން އެވެ. އަދި ކެޕިޓަލް ހޭދައިގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލާފަކޮށްފައި ވެއެވެ.
ބަޖެޓު ހުށަހަޅުއްވައި މިނިސްޓަރ ވިދާޅުވީ، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދަރަނި އަދާކުރުމަށްޓަކައި 3.9 ބިލިއަން ރުފިޔާކަމަށާއި ސަރުކާރުގެ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އިންވެސްޓްމެންޓު މަގުސަދުތައް ފުރިހަމަކުރުމުގެ ގޮތުން 378 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމުގެ ގޮތުންވެސް ބަޖެޓުގައި މުހިންމު އަދަދުތަކެއް ހިމަނާފައިވެއެެވެ. އެގޮތުން ސަރުކާރުން ލޯނު ދޫކުރުމަށްޓަކައި 3.2 ބިލިއަން ކަނޑައަޅާފައިވާއިރު ގެދޮރުވެރިކަމުގެ ލޯނުތައް 5 އިންސައްތައިގެ އިންޓްރެސްޓުގައި ދޫކުރުމަށްޓަކައި އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
މިނިސްޓަރު ވިދާޅުވީ 2025 ގެ ބަޖެޓުގައި ރައީސްގެ ތަސައްވުރާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އިސްކަން ދެވިފައިވާކަމަށާއި ދިވެހިންނަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ އެމަނިކުފާނުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި މިއީ އެއް އަހަރެއްގެ ތެރޭގައި ގެދޮރުވެރިކަމުގެ މަސައްކަތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށައެޅިގެންދާ ބަޖެޓުކަމަށްވެސް ފާހަގަކުރެއްވިއެވެ.
2025 ގެ ބަޖެޓުގައި ރައްޔިތުންގެ ސިއްހީ ކަންކަން ފުރިހަމަ ކުރުމަށްޓަކައިވެސް މަސައްކަތްތައް ކުރެވިގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއިރު ބަޖެޓު ޑެފިސިޓް ހުންނާނީ 9.7 ބިލިއަންގައިކަމަށް މައުލޫމާތު ދެއްވިއިރު މިއީ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަކަމަށާއި ޕްރައިމަރީ ޑެފިސިޓް 3.8 ބިލިއަންގައި ހުރިއިރު އެއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، 2024 ވަނަ އަހަރު ބަޖެޓަކީ ތަންފީޒުކުރަން ބިނާކޮށްފައި ނެތް އިސްލާހީ ފިޔަވަޅުތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ބަޖެޓެއްކަމަށާއި އެ ފިޔަވަޅުތަކާއިއެކުވެސް އެކަށިގެންވާ ގޮތެއްގައި ޑެފިސިޓް ކުޑަކުރެވޭނެ ގޮތްތަކެއްވެސް ހިމެނފައިނުވާ ބަޖެޓެއްކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން މި އަހަރުގެ ޑެފިސިޓް އިތުރުވެގެންދިޔަ ނަމަވެސް 2025 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ 2019 ވަނަ އަހަރަށްފަހު ގީޑީޕީގެ ނިސްބަތުން އެންމެ ޑެފެސިޓް ކުޑަ ބަޖެޓަށް ކަމަށެވެ.

