އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި 52 މީހަކު މަރާލައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އިސްރާއީލުންވަނީ ލުބުނާނުގެ އިރުއުތުރު ސަރަހައްދަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިކަމަށެވެ. އަދި އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ އަވަށްތައްވެސް ހުރިކަމަށާއި 52 މީހަކު ނިޔާވެފައިވާއިރު ގިނަ އަދަދެއްގެ މީހުންނަށް ބޮޑެތި ޒަހަމްތައް ލިބިފައިވާކަމަށެވެ. މީގެ ދުވަސްތަކެއް ކުރިން ޣައްޒާގައި ދިން ހަމަލާތަކެއްގައި 25 މީހުން މަރުވެފައިވާކަންވެސް ފާހަގަކުރެއެވެ.
އިސްރާއީލުން މި ހަމަލާތައް ދީފައިވަނީ ވެރިކަމުގެ ދައުރު ނިމުމާއި ގާތްވެފައިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ސުލްހަ ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ވަގުތުގައެވެ. އިސްރާއީލުންވަނީ ލުބުނާނުގެ ސަރަހައްދީ އިމުގެ ތެރޭގައި ތިބި ބަޔަކު އެ ގައުމަށް މި ފަހުން ހަމަލާތަކެއް އަމާޒުކުރިކަމަށްވެސް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް އެ ހަމަލާތަކުން ދިފާއުވިކަމަށާއި އެއްވެސް މީހަކު މަރުނުވާކަމަށެވެ. އެހެންނަމަވެސް އެޕާޓުމެންޓުތައް ހުރި އިމާރާތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ މަންޒަރުތައް އާންމުކުރިއެވެ. އަދި އެ ގައުމުންދަނީ ހަމާސް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަމުން ކަމަށްވާއިރު މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށްވެސް ނޫސްތަކުން ބުނެއެވެ.
ކުދި އަމާޒުތަކަށް ހަމަލާދެމުން އައުމަށްފަހު މިހާރު އިސްރާއީލުންދަނީ ލުބުނާނުގެ މީހުން ގިނަ ސަރަހައްދުތަކަށް ހަމަލާ ދެމުންކަންވެސް ބައެއް ނޫސްވެރިން ފާހަގަކުރެއެވެ. އެ ގައުމުން މި މަސައްކަތްތައް ކުރަމުންދަނީ އީރާނުގެ އެއްބާރުލުމާއިއެކު ހަރަކާތްތެރިވަމުންދާކަމަށް ބުނާ ހިޒްބުﷲ ޖަމާއަތް ހުއްޓުވާލުމުގެ ގޮތުންކަމަށް ބުނާއިރު، އެ ޖަމާއަތަކީ ސިޔާސީ ޕާޓީއެއްގެ އިތުރުން ލުބުނާނުގައި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައިވެސް މަސައްކަތްތައް ކުރާ ބައެއްކަން ފެނިގެންދެއެވެ.
މިހާރު އުފެދިފައިވާ މައްސަލަތައް ފެށިގެންދިޔައީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް ޖަމާއަތާއި އިސްރާއީލުގެ ދެމެދު ހަމަލާ ބަދަލުކުރެވިގެންދިއުމާއިއެކުކަމަށްވާއިރު ހިޒްބުﷲ ޖަމާއަތުންވަނީ ހަމާސްގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިސްރާއީލަށް އެ ދުވަހު ރޮކެޓު ހަމަލާތައް ދޭން ފަށާފައިކަމަށެވެ. މި އަހަރުގެ ތެރޭގައި އިސްރާއިލުން ލުބުނާނަށް އެއްގަމުން އަރައިގަތުމާއިއެކު މައްސަލަ ގޯސްވެ ސަރަހައްދީ ހަނގުރާމައެއްގެ ގޮތުގައި ކަނޑައެޅިގެންދިއުން ގާތްވެފައިވާކަމަށެވެ.

