ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުންނެވެ.
އެގޮތުން 2024 އޮކްޓޯބަރު 31 ވަނަ ދުވަހު ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި އެ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެެވެ.
މި މައުލޫމާތު ހާމަކޮށް ކަސްޓަމަސްއިން ބުނެފައި ވަނީ ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ތަފާތު ދެ ބާވަތެއް ކަމަށްވާ ކެތިނޯން (416 ގްރާމް) އަދި ކެނެބިސް (5520 ގްރާމް) އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިތަކެތީގެ މަގުމަތީ އަގަކީ 3,348,000.00 (ތިން މިލިއަން ތިންލައްކަ ސާޅީސް އަށްހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 5.9 ކިލޯގްރާމް ހުއްޓެވެ.
މި މައްސަލައިގައި ހިފެހެއްޓި 43 އަހަރުގެ މިހާ، އިތުރު ތަހުގީގުތަކަށް ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

