ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަކީ އަބަދުވެސް ދިވެހިންގެ އެންމެ އިސް އެދުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން އެކްސް މެދުވެރިކޮށް ޙިއްޞާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ، މާތްﷲ ގެ ޙަޟްރަތުން ދިވެހިރާއްޖެ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދެމެހެއްޓެވުމަށް އެދި ދުޢާ ދަންނަވާފައެވެ. މީގެ އިތުރުން، ބޭރުގެ އެކިއެކި ނުރައްކާތަކުން ރާއްޖެއާއި ރައްޔިތުން ސަލާމަތްކުރެއްވުމަށާއި، ރާއްޖެއަށް އަބަދުވެސް ނަޞްރާއި ނަޞީބު މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކުން ރާއްޖެ ސަލާމަތްވި ދުވަހުގެ ގޮތުގައި ފާހަގަކުރެވެއެވެ. މި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ. މި ދުވަސް ފާހަގަކުރެވެނީ ޤައުމީ މިނިވަންކަމާއި ސަލާމަތަށްޓަކައި ޤުރުބާންވި ފަރާތްތަކުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

