ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާލިބޭ މައްސަލައެއްގައި އިޖުރާއީ ގޮތުން ދައުލަތުން ނެގި ނުކުތާއަކަށް ގޮތް ނިންމަވަމުންނެވެ.
އެ މައްސަލައިގައި ދައުވާ ރައްދުވާ މީހާގެ ގާނޫނީ ވަކީލަކަށް ހުންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދުއެވެ.
އެހެންކަމުން އިޖުރާއީ ނުކުތާއެއް ނަންގަވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވަނީ ދައުލަތުގެ ސިޔާސަތަކީ ދައުލަތުގެ މުވައްޒަފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވުމުގެ ސިޔާސަތު ކަމަށެވެ.
ދައުލަތުން އެކަން ތަފްސީލުކޮށް ހައިކޯޓުގައި ބުނެފައިވަނީ، ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަޤާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަޤާމުތަކަށް ޢައްޔަންކުރެވޭ ފަރާތްތަކާއި، ދައުލަތުން މުސާރަ ދޭ މަޤާމްތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ދައުލަތުގެ އިދާރާއަކާ ދެކޮޅަށް އެ ފަރާތުގެ މުވައްކިލު ތަމްސީލު ކުރާ ޙާލަތަކީ އޭނާ މަޤާމަށް ޢައްޔަންކުރި ފަރާތުގެ ނުވަތަ އޭނާއަށް މުސާރަދޭ ފަރާތުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރެވޭ ހާލަތެއް ކަމަށް ފެންނަ ކަމަށެވެ.
އަދި އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާންވާނީ ދައުލަތުގެ މަސްލަހަތު އިސްކޮށްގެން ނެގެއްހެއްޓުމަށް މަސައްކަތްކުރުން ކަމުގައިވާތީ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށް އެ މަޤާމުގައި ނުވަތަ، ދައުލަތުން މުސާރަ ދޭ އެނޫންވެސް އެފަދަ މަޤާމުތަކުގައި ދެމިތިބިހާ ހިނދަކު ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް މަސައްކަތްކުރުމަކީ އޭނާގެ ވަކީލުކަމުގެ އަމިއްލަ މަސްލަހަތާއި ދައުލަތުގެ މަސްލަހަތާ ފުށުއަރާ ހާލަތެއް ކަމަށް ފެންނަކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ހައިކޯޓުން ސުވާލު ކުރުމުން ވަކީލު ރާޤިބް ވިދާޅުވީ، ސިޔާސީ މަޤާމެއް ފުރަމުންދިއުމަކީ މިފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަށް އޮތް ހުރަހެއް ކަމަށް ދެކިނުލައްވާ ކަމަށާއި، އެފަދައިން ބަޔާންކޮށްފައިވާ ޤާނޫނެއް ނުވަތަ މަތީ މަރުހަލާގެ ނިންމުމެއް ވެސް ނެތް ކަމަށެވެ.
އަދި ޤާނޫނީ ވަކީލުންނަކީ މިނިވަންކަމާއެކު ޤާނޫނީ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ މައްސަލައެއް މީގެ ކުރިން ސުޕްރީމް ކޯޓުގައިވެސް ބަލާފައިވެއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ވަކީލަކީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް
އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރެއް ކަމުގައި ވާތ،ީ ދައުލަތުގެ މުވަޒައްފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމަށް ބުނެ ދައުލަތުން ވާހަކަ ދައްކާފައިވެއެވެ.
އެ އިއުތިރާޟާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ދައުލަތުގެ މުވަޒައްފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަމުގައި ބަޔާންވެފައިވާ ޤާނޫނީ ނައްސެއް ނުވަތަ ޤާނޫނީ އުސޫލެއް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިނުވާ ކަމަށެވެ.
އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ ނިންމުން ނިންމެވި ފަހުން ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ވަކީލުންގެ ސުލޫކީ ޤަވާއިދެއް އެކުލަވާލައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ޤާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ނެގެހެއްޓުމާއި މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމުގެ ޒިންމާ ޤާނޫނީ ވަކީލުންގެ މައްޗަށް އޮންނާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެކަންކަމަށް ރިއާޔަތް ކުރައްވައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.

