މެންބަރު ވަނީ، އެއާރޕޯޓްގެ އެރައިވަލް ހޯލުގައި އެއަރކޯން ނައްޓާލާފައިވާ ތަންތަން މަރާމާތު ނުކޮށް ހުރުމާއި، އެ ސަރަހައްދުގައިވާ ޓްރޮލީތައް ބޭނުން ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މި މަސައްކަތް ނުނިމި 4 މަސް ވެފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވީ، މިހާރު އޮތް ގޮތުން، އެ ސަރަހައްދުގެ ހުރިހާ ރިސޯޓަކަށް ދަތުރުކުރާ ފަތުރުވެރިން ބޭނުންކުރަނީ ކޫއްޑޫ އެއަރޕޯޓްގެ އެރައިވަލް ހޯލް ކަމަށާއި، ކާޑެއްދޫ އެއަރޕޯޓް މިހާލަތުގައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެއާރޕޯޓަށް އަންނަ ފަރާތްތަކުގެ ފޮށިތައް ބެހެއްޓުމަށް ހަދާފައިވާ ތަން ތަރައްޤީކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. ކާޑެއްދޫ އެއަރޕޯޓުން އިޤްތިޞާދީ ގޮތުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އެއަރޕޯޓް ތަރައްޤީ ނުކުރެވި ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ ދެމެދު 8 ޑިސެންބަރު 2005 ގައި ސޮއިކޮށްފައިވާ ގދ. ހޯޑެއްދޫގެ ބިމާއި އެ ބިމާ އިންވެގެން ހިއްކާ ސަރަޙައްދު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ކުއްޔަށް ނަގާފައިވާ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ ބިމުގެ ކުލި ރިވައިޒް ކޮށްދިނުމަށް ކަމާ ގުޅޭ ފަރާތްތަކަށް އެކި ފަހަރުމަތިން ދަންނަވާފައި ނަމަވެސް، އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާ ކަމަށް އެ އަތޮޅު ކައުންސިލްގެ އިދާރާއިން 10 އޮކްޓޯބަރު 2024 ގައި ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ބޭފުޅުންނާ ކޮމިޓީގައި ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓްރީގެ ފަރާތުން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އިލްތިޒާމްވެ، ކުރިއަށް އޮތް ތާނގައި އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އަދި މި މައްސަލައިގެ ތަފްޞީލީ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓްރީގެ ފަރާތުން އެއްބަސްވިއެވެ.
ކޮމިޓީގެ މެންބަރުން ވަނީ މި މައްސަލައިގެ މުހިންމުކަން ފާހަގަކުރައްވައި، އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީއަށް ބާރުއަޅުއްވާފައެވެ. އަދި މައްސަލައިގެ ކުރިއެރުން ބެލުމަށް ޓަކައި ކުރިއަށް އޮތް ތާނގައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވެސް ނިންމާފައިވެއެވެ.

