ތަޢުލީމީ ދާއިރާގެ މަޝްރޫއުތައް ލަސްވެފައިވަނީ ކުރީގެ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ހުރުމުގެ ސަބަބުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުވިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ފަށާފައިވާ މަޝްރޫއުތަކުގެ ޕެންޑިންގ ބިލްތައްކަމަށެވެ. މިގޮތުން 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރިކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ހިނގަމުންދާ މަޝްރޫއުތަކާއެކު ނުދައްކާ ހުރި ފައިސާގެ އަދަދު 30 މިލިއަން ރުފިޔާއަށް ދަށްކުރެވިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފައިސާ ދިނުމުގައި ކުރިން ވެފައިވާ އިހުމާލުގެ ސަބަބުން ޕްރޮޖެކްޓްސްތައް ހަގީގަތުގައި ލަސްވެފައިވަނީ.
މިނިސްޓަރު ވިދާޅުވިއެވެ.
2024 ވަނަ އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓު ކުރެވުނުއިރު، އާ މަޝްރޫއުތަކަށްވެސް ބަޖެޓު ކުރެވިފައިވަނީ އެވްރެޖް ގޮތެއްގައި މުޅި ބަޖެޓުގެ 7 އިންސައްތަކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، 15 އިންސައްތައާއި ހަމައަށް ބަޖެޓުކޮށްފައި ނެތްކަމަށް ވިދާޅުވިއެވެ.
ހިނގަމުންދިޔަ މަޝްރޫއުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން، މަސައްކަތް ކުރަމުން ދިޔަ ކޮންސްޓްރަކްޝަން ކުންފުނިތައް ވަރަށް ގިނަ ތަންތަނުން ޑީމޮބިލައިޒްކޮށްފައިވާކަމަށެވެ.
އެހެންކަމުން ވަރަށް ގިނަ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ފައިސާދައްކާ، މަޝްރޫއުތައް އިނީޝިއޭޓް ކުރަމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ނުފެށި ހުރި މަޝްރޫއުތައް ދެނެގަނެ، އެކަމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ.

