ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލަ: މަންޑޭގެ ދިފާއީ ވަކީލު ރާޤިބަކީ ސިޔާސީ މަޤާމެއްގައި ހުރި ފަރާތަަކަށްވާތީ ދައުލަތުގެ އިއުތިރާޒެއް!

ކޭޕާކް މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޙަސަން މަމްދޫހުގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމްއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ އިއުތިރާޒެއް ނަންގަވާފައެވެ. އެއީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ މަމްދޫޙުގެ ދިފާއީ ވަކީލު މުޙައްމަދު ރާޤިބް އަހުމަދަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ސިޔާސީ މަޤާމެއްގައި ހުންނެވި ފަރާތެއްކަމަށްވާތީ، އޭނާއަށް ދައުވާލިބޭ ފަރާތް ތަމްސީލު ނުކުރެވޭނެ ކަމަށް ބަޔާން ކުރައްވައި ނެންގެވި އިއުތިރާޒެކެވެ. އެގޮތަށް ދައުލަތުން ވިދާޅުވީ ދާދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކާ ޙަވާލާދެއްވައެވެ.

މުހައްމަދު ރާގިބު އަހްމަދަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމީ ދާދި ފަހުން ވަކީލު ރާޤިބު ތަމްސީލު ކުރައްވަމުން ގެންދިޔަ މައްސަލައަކާ ގުޅިގެންނެވެ.

އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ވަކީލަކު މައްސަލައިން ވަކި ކުރެއްވުމަށް ކަނޑައަޅުއްވާނީ އެ މައްސަލައިގެ ޝަރީއަތުގައި ހިނގާ ކަމަކާ ގުޅިގެން ކަމަށާއި، ސުލޫކާ ޚިލާފު ކަންކަމުގައި ގޮތް ކަނޑައަޅަން ވަކި މިނިވަން މުއައްސަސާއެއް އެބައޮތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުއްވުމަށް ގާޒީ ދެންނެވިއެވެ.

އެއަށްފަހު ގާޒީ ވަނީ އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދަވާފައެވެ.

މައްސަލައިގެ ފަސްފަހަތް:

ވަކީލު ރާޤިބު ތަމްސީލު ކުރައްވަމުން ގެންދެވި މައްސަލައިގައި ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަޤާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަޤާމުތަކަށް ޢައްޔަންކުރެވޭ ފަރާތްތަކާއި، ދައުލަތުން މުސާރަ ދޭ މަޤާމްތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ދައުލަތުގެ އިދާރާއަކާ ދެކޮޅަށް އެ ފަރާތުގެ މުވައްކިލު ތަމްސީލު ކުރާ ޙާލަތަކީ އޭނާ މަޤާމަށް ޢައްޔަންކުރި ފަރާތުގެ ނުވަތަ އޭނާއަށް މުސާރަދޭ ފަރާތުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރެވޭ ހާލަތެއް ކަމަށް ފެންނަ ކަމަށެވެ.

އަދި އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާންވާނީ ދައުލަތުގެ މަސްލަހަތު އިސްކޮށްގެން ނެގެއްހެއްޓުމަށް މަސައްކަތްކުރުން ކަމުގައިވާތީ ސިޔާސީ މަޤާމުތަކަށް އައްޔަންކޮށް އެ މަޤާމުގައި ނުވަތަ، ދައުލަތުން މުސާރަ ދޭ އެނޫންވެސް އެފަދަ މަޤާމުތަކުގައި ދެމިތިބިހާ ހިނދަކު ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް މަސައްކަތްކުރުމަކީ އޭނާގެ ވަކީލުކަމުގެ އަމިއްލަ މަސްލަހަތާއި ދައުލަތުގެ މަސްލަހަތާ ފުށުއަރާ ހާލަތެއް ކަމަށް ފެންނަކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ހައިކޯޓުން ސުވާލު ކުރުމުން ވަކީލު ރާޤިބް ވިދާޅުވީ، ސިޔާސީ މަޤާމެއް ފުރަމުންދިއުމަކީ މިފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަށް އޮތް ހުރަހެއް ކަމަށް ދެކިނުލައްވާ ކަމަށާއި، އެފަދައިން ބަޔާންކޮށްފައިވާ ޤާނޫނެއް ނުވަތަ މަތީ މަރުހަލާގެ ނިންމުމެއް ވެސް ނެތް ކަމަށެވެ.

އަދި ޤާނޫނީ ވަކީލުންނަކީ މިނިވަންކަމާއެކު ޤާނޫނީ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް މީގެ ކުރިން ސުޕްރީމް ކޯޓުގައިވެސް ބަލާފައިވެއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ވަކީލަކީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް
އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރެއް ކަމުގައި ވާތ،ީ ދައުލަތުގެ މުވަޒައްފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމަށް ބުނެ ދައުލަތުން ވާހަކަ ދައްކާފައިވެއެވެ.

އެ އިއުތިރާޟާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ދައުލަތުގެ މުވަޒައްފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަމުގައި ބަޔާންވެފައިވާ ޤާނޫނީ ނައްސެއް ނުވަތަ ޤާނޫނީ އުސޫލެއް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިނުވާ ކަމަށެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ ނިންމުން ނިންމެވި ފަހުން ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ވަކީލުންގެ ސުލޫކީ ޤަވާއިދެއް އެކުލަވާލައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ޤާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ނެގެހެއްޓުމާއި މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމުގެ ޒިންމާ ޤާނޫނީ ވަކީލުންގެ މައްޗަށް އޮންނާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެކަންކަމަށް ރިއާޔަތް ކުރައްވައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނަވައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: