މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށާއި، ދެން ފެށިގެންދާނީ ”ރަން ޒަމާންތަކެއް“ ކަމަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުުރައްވައިފިކަމަށް ބޭރުގެ ގިނަ ނޫސްތަކުން މިހާރު ވަނީ އަންދާޒާ ކޮށްފައެވެ.
އެންމެ ފަހުން ލިބިފައިވާ ނަތީޖާތަކުގެ ތެރެއިން ނޯތް ކެރޮލީނާ، ޕެންސިލްވޭނިއާ އަދި ޖޯޖިއާ ފަދަ ބޮޑެތި ސްޓޭޓުތަކުންވެސް ޓްރަމްޕް ވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން ޑިމްކޮރަޓުންގެ ކެންޑިޑޭޓު ކަމަލާ ހެރިސް ކޮންމެހެންވެސް ކާމިޔާބު ކުރެއްވުން ”މަޖުބޫރު“ ސްޓޭޓުތަކުގެ ގޮތުގައި ހިމެނޭ ޕެންސިލްވޭނިއާއިންވެސް ޓްރަމްޕް ކުރި ހޯއްދެވުމާއެކު، ޓްރަމްޕަށް ލިބުނުު އިލެކްޓޯރަލް ވޯޓުގެ އަދަދު ވަނީ 267ށް އަރާފައެވެ. ކަމަލާއަށް ލިބިފައިވަނީ 214 ވޯޓެވެ.
އެއާއެކު ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޓްްރަމްޕް ވިދާޅުވީ، ޕެންސިލްވޭނިއާ، ޖޯޖިއާ އަދި ވިސްކޮންސިން ގެ އިތުރުން ނޯތް ކެރޮލީނާ އަދި މިޗިގަން ފަދަ ސްޓޭޓުތަކުން ލިބިފައިވާ ކުރިއެރުމާއެކު މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށެވެ. އަދި އެމެރިކާގައި ދެން ފެށިގެން ދާނީ ”ރަން ޒަމާންތަކެއްގެ“ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބިނާވާ އިލެކްޓޯރަލް ކޮލެޖްގައި 538 މެމްބަރުން ތިއްބަވާއިރު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އިލެކްޓޯރަލް ކޮލެޖްގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 270 ވޯޓު ކަށަވަރުކުރަންޖެހެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އިލެކްޓޯރަލް ވޯޓުގެ މަދުވެގެން 315 ވޯޓު އޭނާއަށް ލިބޭނެކަމަށް ބެލެވެއެވެ.
ޓްރަމްޕް ވަނީ އޭނާއަށް ތާއީދު ހޯދައިދީފައިވާ ހުރިހާ ސްޓޭޓަކަށް ޝުކުރު ދަންނަވާފައެވެ. އޭގެ އިތުރުން، މެލާނިއާ ޓްރަމްޕާއި، ޓްރަމްޕްގެ ދަރިކަލުންނާއި ދަރިކަނބަލުންތައް އަދި މުޅި އާއިލާއަށްވެސް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

