ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުން އިފްތިތާހުކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މިއީ ގައުމީ ފިކުރު އެއްކިބާކޮށް، ގައުމާއި އަންނަން އޮތް ޖީލުތަކަށް ފައިދާވާނެ ގޮތަށް ފަރުވާ ކުރެވޭނެ ސިޔާސަތަކަށް ވާތީ ރައީސް ވަނީ އެންމެހާ ރައްޔިތުންގެ ޝާމިލުވުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ޕްލޭން ރާވައި ފުރިހަމައަށް ތަންފީޒު ކުރެވިއްޖެ ނަމަ، ރާއްޖެ 2040 ވަނަ އަހަރުގެ ކުރިން ފުރިހަމައަށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ގިންތި ކުރެވިގެން ދާނެކަމަށެވެ.
ރައީސް ވަނީ ތަރައްގީގެ މާސްޓަރ ޕްލޭންގައި ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިގްތިސާދަށް އިސްކަން ދީގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ މައި ގޮންޖެހުންތައް ހައްލު ކުރުމުގެ ވިސްނުން އިސްކުރުމަށް އެދިވަޑައިގެންފަ އެވެ.
ޕްލޭން އެކުލަވާލުމުގެ ބައްދަލުވުމަށް ޕެނަލް ޑިސްކަޝަނެއް ކުރިޔަށް ގެންދިޔައިރު އޭގެ ތެރޭގައި ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުންނާއި މުވައްސަސާތައް އަދި ސިވިލް ސޮސައިޓީއާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ ބައިވެރިން ހިމެނެ އެވެ.
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ. މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަންދިނުމަށާޓަކައި ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

