އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދަވައި، އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ޓްރަމްޕަށް މަރުޙަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއި ރާއްޖެއަކީ ބަދަހި ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ މި ގުޅުން ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ހެޔޮ އެދުމުގެ މައްޗަށްކަމަށެވެ.
އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދެ ޤައުމު ގުޅިގެން ބައިނަލްއަޤުވާމީ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުުރައްވައިފިކަމަށް ބޭރުގެ ގިނަ ނޫސްތަކުން މިހާރު ވަނީ އަންދާޒާ ކޮށްފައެވެ.

