އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނާއި ހިލާފަށްކަމަށާއި، މިއަދާއި ހަމައަށް ވެސް ބަޖެޓު ފޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި ނުވާކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބަދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ.
އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނުއަސާސީ ބުނާގޮތުގެ މަތީން ނޫންކަމަށެވެ. އެގޮތުން އޭނާ މަޖިލީހުގައި ހޭދަ ކުރި ހަތަރު ދައުރުގެ ތެރެއިން، ބަޖެޓު ހުށަހަޅާއިރު އެއާއި އެކު ތަފްސީލު ފޮތް ނުލިބޭ މިއީ ފުރަތަމަ ފަހަރުކަމަށް ޣަފޫރު ވިދާޅުވި އެވެ.
ބަޖެޓު ފޮތުގައި ހުންނާނެ ވަރަށް ގިނަ މައުލޫމާތު.. ފޮތް ލިބުނީމައި އަޅުގަނޑުމެންނަށް، ބަޖެޓު ދިރާސާ ކުރުމުގައި ވެސް އަދި އިންޑިވިޖުއަލް މެމްބަރުން ވެސް އެބޭފުޅުންގެ ދާއިރާގެ ކަންތަކުގައި އެއްވެސް އެއްޗެއް ބުނަން އެނގޭނީ.. ހަމަ އަދިވެސް މި ދަނީ ނުލިބި.. ދެން ބަޖެޓު ހުށަހަޅަން ޖެހެނީ، ގާނޫނުގައިވާ ގޮތުގެ މަތީން..
ޣަފޫރު ވިދާޅުވީ މިދިޔަ މަހުގެ 31 ގައި ބަޖެޓު ހުށަހެޅީ ސީދާ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށެވެ. ކައުންސިލްތަކަށް ބަޖެޓުގައި ހިމަނަން ޖެހޭ އަދަދުތަކުގެ ވަކި މިންގަނޑެއް ކަނޑައަޅާފައި އޮތް އިރު، ޣަފޫރު ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ އެ މާއްދާއާއި ހިލާފުވެފަ އެވެ.
ކައުންސިލްތަކުގެ ބަޖެޓުގެ 30 އިންސައްތަ ގަސްތުގައި އުނިކޮށްފައިވާކަމުގެ ތުހުމަތުކޮށް ޣަފޫރު ވިދާޅުވީ، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ބާކީ ހަމަޖެއްސިދާނެކަމުގެ އެއްވެސް އިހުތިޔާރެއް ސަރުކާރަށް ނޯންނާނެކަމަށެވެ. އެހެންކަމުން ބަޖެޓު ހުށަހަޅާއިރު، ގާނޫނުގައި ބުނާ އަދަދަކަށް ބްލޮކް ގްރާންޓު ހުނަން ޖެހޭނީ ދޫކުރެވިފައިކަމަށް އޭނާ ވިދާޅުވި އެވެ.
ނެގޯޝިއޭޓު ކުރަން އޮތްކަމެއް ނޫން އެއީ، ބްލެކް އެންޑް ވައިޓްކޮށް އެ ވާހަކަ އެއޮތީ ލިޔެފައި.. އެހެންވީމަ އެކަން ބަޖެޓުން ފުރިހަމަ ނުވެ އެ އޮތީ.. މިހާރު ފެންނަ އަދަދުތަކަށް ބަލާއިރުގަ ވެސް..
މީގެއިތުރުން ޣަފޫރު ވިދާޅުވީ ކުރީ އަހަރުގެ ބަޖެޓު ބޭނުން ކުރި ގޮތުގެ ވެސް އެއްވެސް ތަފްސީލެއް ނުލިބޭކަމަށާއި، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށެއްގައި އަދި މާލޭގައި ވެސް ކުރިޔަށް ގެންދިޔަ އެއްވެސް މަޝްރޫއުއެއް ނެތްކަމަށެވެ.
އާމްދަނީ އިތުރު ކުރުމުގެ ނަމުގައި ޓެކްސްއާއި ފީތަކަށް ބޮޑު ބަދަލެއް ގެނައުމަށް ފަހު ރައްޔިތުންނަށްވި ފައިދާއަކީ ކޮބައިތޯ ސުވާލު އުފައްދައި ޣަފޫރު ވިދާޅުވީ އިތުރުވީ ދައުލަތުގެ ހަރަދުތައް ކަމަށެވެ.

