12 މީހަކު ހިމެނޭ ގޭންގަކުން މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ދިވެހި ފުލުހުންގެ މުއައްސަސާއިން ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާގޮތުން މީހަކު ރަހީނުކޮށްގެން އުޅެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަަހީގެ 9 ވަނަ ހިޔާ ޓަވަރުގައިކަމަށެވެ. 12 މީހަކު ހައްޔަރުކޮށްފައިވާއިރު މީހަކު ރަހީނުކޮށްގެން އަނިޔާތަކެއް ދީފައިވަނީ އެ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގެ ތެރޭގައެވެ. މި މައްސަލައިގައި ރަހީނެއްގެ ގޮތުގައި ގެންގުޅުނު މީހާގެ މާ ބޮޑެތި ތަފްސީލުތަކެއް ފުލުހުން އާންމުކޮށްފައިނުވެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެންގެ ޝާމިލުވުން އޮތްކަންވެސް މިވަގުތު ކަށަވަރު ނުވެއެވެ. އެކަން ޔަގީންކުރެވިގެންދާނީ ފުލުހުންގެ ތަހުގީގުތަކަށް ފަހުއެވެ. މީހަކު ރަހީނުކޮށްގެން އަނިޔާތަކެއް ދެމުންދާކަމުގެ މައުލޫމާތުތައް ލިބުމާއި އެކު ފުލުހުން އެ އެޕާޓުމެންޓަަށް ވަދެފައިވަނީ ދޮރު ވައްޓާލައިގެންނެެވެ. އަދި ރަހީނުކޮށްގެން ގެންގުޅުނު މީހާގެ ބޯ ބޭލުމަށްފަހު އިނގިލިތައް ބުރިކުރުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަން ފާހަގަކުރެވެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުން އެ މުއައްސަސާއިން ހަރަކާތްތެރިވާން ފެށީ ގޭންގަކުން މީހަކު ރަހީނުކޮށްގެން ހިޔާ ސަރަހައްދުގެ ޓަވަރަކަށް ގެންގޮސްފައިވާކަމަށް ބުނެ ލިބުނު މައުލޫމާތަކާއި ގުޅިގެންކަމަށެވެ. އެހެންކަމުން ފުލުހުންގެ އެކި ޑިޕާޓުމެންޓުތައް ގުޅިގެން ކުރި މަސައްކަތްތަކެއްގެ ތެރެއިން އެ އަމަލުތައް ހިންގަމުންދަނީ ކޮން ޓަވަރެއްގައިކަން ޔަގީންކުރެވުނުކަމަށާއި އެތަނަށް ގޮސް ދޮރު ވައްޓާލައި ވަނީ ކޮން އެޕާޓުމެންޓެއްކަންވެސް ކަށަވަރުވުމުންކަމަށެވެ.
ފުލުހުން ވަތްއިރު ރަހީނުކޮށްފައިވާ މީހާގެ ބޯ ބާލާފައިވާ މަންޒަރު ފެނުނުއިރު، އޭނާގެ އިނގިލި ސަލާމަތްވީ ކިރިޔާކަމަށް އެންމެ ފުރަތަމަ ވަތް ޓީމުން މައުލޫމާތު ދިންކަމަށްވެސް މީޑިއާތަކާއި ހިއްސާކުރިއެވެ. އަދި އޭނާވަނީ މިހާރު ރައްކައުތެރިކުރެވިފައިކަމަށްވާއިރު ސީން ކޮންޓްރޯލްކުރެވި އެކަމުގައި ޝާމިލުވާ މީހުންވެސް ޑިޓެންޝަނަށް ގެނެވިފައިވާކަމަށެވެ.

