އދ. ގެ މުޢާހަދާ ކޮމިޓީތަކާއި، އިންސާނީ ޙައްޤުތަކާ ގުޅޭ އދ. ގެ އެކިއެކި ޚާއްޞަ މަންދޫބުންނާއި މަސައްކަތު ގްރޫޕުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތައް ތަންފީޛުކުރެވެމުންދާ މިންވަރު ބެލުމަށާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތްތަކާއި، އެ ރިޕޯޓުތަކާ ގުޅިގެން ކުރަންޖެހޭ ފޮލޯ-އަޕްގެ މަސައްކަތްތައް ވިލަރެސްކޮށް ހިންގުމުގެ މަސައްކަތް ކުރެވެމުންދަނީ 5 ނޮވެންބަރު 2020 ގައި ޤާއިމްކުރެވުނު ”ނޭޝަނަލް މެކޭނިޒަމް ފޮރ ރިޕޯޓިންގ އެންޑް ފޮލޯ-އަޕް“ (އެން.އެމް.އާރު.އެފް.) މެދުވެރިކޮށެވެ.
މި ގޮތުން، ދިވެހިރާއްޖެއަށް ހުށަހެޅޭ ހުށަހެޅުންތައް ތަންފީޛުކުރެވިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރުމަށްޓަކައި ”އިންޕްލިމެންޓޭޝަން“ ފަންކްޝަން 30 އޮކްޓޫބަރު 2022 ގައި އިތުރުކޮށް، މި ނިޒާމުގެ ނަން ”ނޭޝަނަލް މެކޭނިޒަމް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް“ (އެން.އެމް.އައި.އާރު.އެފް.) އަށް ބަދަލުކުރެވިފައިވެއެވެ.
މި މެކޭނިޒަމްގެ ސެކްރެޓޭރިއަޓަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ. އަދި މި މެކޭނިޒަމްގެ ސްޓޭންޑިންގ ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒެވެ.

އެން.އެމް.އައި.އާރު.އެފް. ގެ ދަށުން 17 ނޮވެންބަރު 2023 އިން ފެށިގެން 1 އޮކްޓޫބަރު 2024 ގެ ނިޔަލަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
1. ”ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން“ (ސީޑޯ) ގެ ދަށުން ދިވެހިރާއްޖެއިން ހުށަހެޅި ހަވަނަ ޕީރިއޮޑިކް ރިޕޯޓު ރިވިއުކުރުމަށްފަހު، އދ. ގެ ”ކޮމިޓީ އޮން ދި އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން“ އިން އިޝޫކުރި ”ކޮންކްލޫޑިންގ އޮބްޒަރވޭޝަންސް“ ގެ ތެރޭގައި ހިމެނޭ ހުށަހެޅުންތަކުގެ ތެރެއިން 28 (އ)، (ށ) އަދި (ޅ) އަދި 54 (ބ) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން، ކޮމިޓީން އެދިވަޑައިގެންފައިވާ ގޮތުގެމަތިން ނޮވެންބަރު 2023 ގައި އިންޓެރިމް ރިޕްލައިސް ފޮނުވުން.
2. ”ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް“ (ކެޓް ކޮންވެންޝަން) ގެ 19 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ދެވަނަ ޕީރިއޮޑިކް ރިޕޯޓު ފެބުރުވަރީ 2024 ގައި އދ. ގެ ”ކޮމިޓީ އަގެއިންސްޓް ޓޯޗަރ“ އަށް ހުށަހެޅުން.3. ”އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް“ ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު ރިވިއުކުރުމަށް އދ. ގެ ”ހިއުމަން ރައިޓްސް ކޮމިޓީ“ އިން 9-10 ޖުލައި 2024 ގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވުން. މި ބައްދަލުވުމުގައި، މި މުޢާހަދާ ތަންފީޛުކުރުމަށް 2012 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް ކޮމިޓީއާ ހިއްސާކުރެވުނެވެ.
މި ޑޭޓާބޭސްގައި މަޢުލޫމާތު ހިމަނާނެ ގޮތުގެ ”ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ“ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވެއެވެ. މިގޮތުން، އިރުމަތީ ޤުދުސް ހިމެނޭގޮތަށް، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޢަމަލުކުރަމުންދާ އިސްރާއީލުގެ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ޤާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ. ގެ ޢާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ވަނީ 16 ފެބުރުވަރީ 2024 ގައި އެ ކޯޓަށް ހާޒިރުވެ ބަޔާން ދީފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)“ މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގަތުމަށް އައި.ސީ.ޖޭ. ގެ ފަނޑިޔާރުންގެ އިއްތިފާޤުން 3 ޖުލައި 2024 ގައި ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، އައި.ސީ.ޖޭ. ގައި ކުރިއަށްދާ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވ. އިސްރާއީލު)“ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް މިއަހަރުގެ 28 ޖެނުއަރީގައި ވަޒީރުންގެ މަޖިލީހުން ނިންމެވުމާގުޅިގެން، އެ މައްސަލައިގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ބައިނަލްއަޤްވާމީ ވަކީލުން އައްޔަންކޮށް، މައްސަލައަށް ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ ”ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން“ ތައްޔާރުކޮށް، ދިވެހިރާއްޖެއިން ވަނީ އޮކްޓޫބަރު 1 ގައި އައި.ސީ.ޖޭ. އަށް އެ ”ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން“ ހުށަހަޅާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އަށް އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ. ގެ އާންމު މަޖިލީހުގެ ޤަރާރުން ފާސްކޮށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން އޯރަލް ސަބްމިޝަން ހުށަހެޅުމަށް ގަސްދުކުރާކަން ބަޔާންކޮށް މިއަހަރުގެ 2 އޮކްޓޫބަރުގައި އައި.ސީ.ޖޭ. އަށް ވަނީ އަންގާފައެވެ.
ސަރުކާރުގެ އެންމެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ. މިގޮތުން، 25 ޖަނަވަރީ 2024 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ފެބުރުވަރީ މަހުގެ ކުރީކޮޅު ކުރީގެ ބަންޑާރަ ނައިބު މުނައްވަރާއި އަދި މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރަކާއެކު، ޗާގޯސް މައްސަލައިގައި ޢަމަލުކުރެވޭނެ ގޮތެއްގެ ޤާނޫނީ ލަފާ އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިޔުމުން ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ބަންޑާރަނައިބު އެކުލަވާލާ ކޮމިޓީން ރިޕޯޓު ތައްޔާރުކޮށް، ބަންޑާރަނައިބަށް ފެބުރުވަރީ މަހުގެ ތެރޭގައި ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމިޓީގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކެބިނެޓަށް މައްސަލަ ހުށަހެޅުމަށްފަހު، 14 ހަފުތާގެ ތެރޭގައި މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުން ކޮމިޓީގެ ރިޕޯޓު، ޤާނޫނީ މާހިރުންގެ މަޢުލޫމާތު އަދި ޚަރަދުވި މިންވަރު ޢާންމުކުރުމަށްވެސް ވަނީ ނިންމާފައެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު ދިވެހި ސަރުކާރުގެ ސްޓްރެޓަޖީއަށް ބަދަލު ގެންނަން ޖެހިފައިވާކަމަށް ބަންޑާރަނައިބު ވަނީ ފ ވަނީ ފާހަގަކުރައްވާފައެވެ.

