އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
ކަރެކްޝަން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އާސިފް ސަސްޕެންޑުކޮށްފައި ވަނީ އިއްޔެއިން ފެށިގެންނެވެ.
އާސިފް ސަސްޕެންޑުކޮށް ނެރުނު މެމޯގައި، އޭނާ ކަރެކްޝަނުގެ އެއްވެސް އިމާރާތަކަށް ވަނުން މަނާކުރިކަމަށް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް އެނގިފައިވާ ގޮތުގައި ވަގުތީ ގޮތުން މަސްއޫލިއްޔަތުން އެކަހެރި ކުރާ އެއްވެސް އޮފިސަރަކަށް މަސައްކަތާއި ގުޅުން ހުރި ތަނަކަށް ނުވަދެވޭނެ އެވެ.
ޕްރިޒަންސް ކްލަބްގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކައުންޓުތަކަށް ޖަމާކުރިކަމަށް ތުހުމަތުކޮށް އާސިފްގެ ވާހަކަ ދެކެވެން ފެށީ މި ހަފްތާގެ ތެރޭގަ އެވެ. އަދި މައްސަލަ ބަލަން ފަށައި، އޭނާ ސަސްޕެންޑުކޮށްފައި ވަނީ ތަހުގީގު ނިމެންދެންނެވެ.
އާސިފް ޕްރިޒަންސް ކްލަބްގެ ފައިސާއަށް ހިޔާނާތްވިކަމަށް ތުހުމަތުކޮށް، އެ މައްސަލަ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ހުށަހެޅީ މުވައްޒަފުންނެވެ.
ހިޔާނާތުގެ ތުހުމަތުކޮށް ކަރެކްޝަނުގެ 35 މުވައްޒަފެއް، ޕެޓިޝަނެއް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އަދި މައްސަލަ ނުބަލައި ދިގުލައިގެން ދާކަމަށް ބުނެ މިފަހުން އޮފިސަރުން ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ.
އެނގިފައިވާ ގޮތުން އާސިފް އެ ކްލަބުގެ ރައީސްކަމާއި ހަވާލުވއިރު އެކައުންޓުގައި ފަސް ލައްކައެއްހާ ރުފިޔާ ހުއްޓެވެ.

