މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ މާސްޓަރ ޑިވޮލޮޕަރުގެ ޙައިސިއްޔަތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމަންޓް ފްރީ ޒޯންއާއި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީއޭއައި) އާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް އިކޮނޮޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމަންޓް ފްރީ ޒޯންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމްއެވެ. އަދި ސީއޭއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމަރޝަލް އޮފިސަރ ޓަން ކުން ޗީއާއޯ ޖޯޖްއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމަންޓް ފްރީ ޒޯން އަކީ ރާއްޖޭގެ އިޤްތިސާދީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ބޭނުންވާ މުހިއްމު މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުމަށް ސަރުކާރުގެ 5 ކުންްފުންޏެއްގެ ހިއްސާ ހިމެނޭހެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އުފެއްދި ކުންފުންޏެކެވެ.
މި ކުންފުންޏަކީ ގޭޓްވޭ މަޝްރޫއު ހިންގުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރައްކާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އިސްނަގައިގެމް ކުރިއަށްގެންދާ މަޝްރޫއުތަކުގައިވެސް އިސްކޮށް ޙަރަކާތްތެރިވާ ކުންފުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ސިންގަޕޫރުގައި ފަންޑު މެނޭޖް ކުރުމުގެ ލައިސަންސް ލިބިފައިވާ ސީއޭއައިއަކީ އިންފްރާސްޓްރަކްޗަރ، އައިޓީ، އިިޔާދަކުރަނިވި ހަކަތަ އަދި އެނޫންވެސް އެކި ދާއިރާތަކުން 1.3 ބިލިއަން ޑޮލަރުގެ އެސެޓް މެނޭޖްކުރަމުންދާ ކުންފުންޏެކެވެ. އަދި އެއީ އިކުއިޓީ ޓްރާންސެކްޝަންތަކާއި، ޕްރައިވެޓް ޕްލޭސްމަންޓްތަކާއި، އިސްތިރާޖީ އިންވެސްޓްމަންޓުތަކުގެ ތަޖުރިބާ ފުޅާ ދާއިރާއެއްގައި ލިބިފައިވާ މި ކުންފުންޏަކީ ވަރަށް ގިނަ މަޝްރޫއުތަކުގައި މަސައްކަތް ކުރުމުގެެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެއްކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަޙައްދު ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްޤީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މާލީ އެސެސްމަންޓުުތައްވެސް ހެދިގެންދާނެއެވެ.

