ބޮޑު މަޝްރޫއުއެއްގެ ގޮތުގައި މި ސަރުކާރުން ފެށި، ބަންކަރިންގެ ހިދުމަތް ހުއްޓުމަކަށް އައިސް ބައެއް ބޯޓުތައް މާލެ ސަރަހައްދަށް އައިސްފައިވާކަމަށް ދެކެވޭ ވާހަކަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ދޮގުކޮށްފި އެވެ.
ރާއްޖެ ހުރަސްކޮށް އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓްފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލް އިހަވަންދިއްޕޮޅު ޒޯންގައި ބަންކަރިން އޮފްޝޯ ހިދުމަތް ދޭނީ އެސްޓީއޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެ. އަދި ބަންކަރިންގ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކުންފުންޏަކީ އެސްޓީއޯ އެވެ.
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް ފަހު މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އިދިކޮޅުން ބުނަމުން ދިޔައީ މިއީ ކާމިޔާބު ނުވާނެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ ދެ ބޯޓެއް މިވަގުތު އޮތޯ މާލެ ސަރަހައްދުގައި އޮތްކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން ޝިމާދު ވިދާޅުވީ ހަމަ ފަސް ގަނޑުގައި ބަނދަރެއް ހަދައިގެން އެ މަސައްކަތްތައް ދިނުމާއި، އޮފްޝޯގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ.
އެސްޓީއޯއާއި ބައިނަލްއަޤުވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލް ފަށާފައިވާ މި މަސައްކަތުގައި ބޭނުން ކުރާ އުޅަނދު މާލެ ސަރަހައްދުގައި އޮތްކަން ޝިމާދު ވެސް ކަށަވަރުކޮށްދެ އެވެ.
ޝިމާދު ވިދާޅުވީ، އޯފްޝޯ ބަންކަރިންގެ ހިދުމަތެއް ގާއިމުކުރަނީ ޑިމާންޑާއި ސަޕްލައިގެ ބޭނުންތައް ފުއްދުމުގެ ގޮތުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ މަގު ފަހިވެފައި އޮތުންކަމަށެވެ. އަދި މެރީން ބެއްލާގެ ނަން ދެވިފައިވާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައި ވަނީ ވިޔަފާރީގެ މަގުސަދުގައިކަމަށް ވިދާޅުވި އެވެ.
ދެވަނަ އުޅަނދު މެރިން އޭންޖަލް އުޅަނދު މާލެ ސަރަހައްދުގައި އޮތީ ޝިމާދު ވިދާޅުވިގޮތުގައި އާންމު އުސޫލުން އެ އުޅަނދު ބެލެހެއްޓުމުގެ ގޮތުން ކުރަން ޖެހޭ މެއިންޓަނެންސް މަސައްކަތަށެވެ. އެކަމަށް އެހެން ސަރަހައްދަކަށް ބޯޓު އަންނަން ޖެހުނީ، އެ ނިޒާމު މިވަގުތު އިހަވަންދިއްޕޮޅުގައި ނެތުމުންކަމަށް ޝިމާދު ވިދާޅުވި އެވެ.
މަސައްކަތް ވެސް ހުއްޓި، މި މަޝްރޫއު ފެއިލްވެފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ޝަމާދު ވަނީ އާންމު އުސޫލުން މަސައްކަތް ކުރިޔަށްދާކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ސައްހަ ނޫން ވާހަކަތައް ނުފެތުރުމަށާއި، ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ދައުރު ނުކުރުމަށް އިލްތިމާސް ކުރި އެވެ.

