ޑޮކްޓަރެއްގެ ބޭސްސިޓީއާއި އެކު އަމިއްލަ ފަރުދުންގެ ބޭނުމަށް، ގިނަވެގެން ހަ މަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް އެ ތަކެތީގެ އަގަށް ރިޢާޔަތްކުރުމެއް ނެތި ދޫކުރެވޭނެކަމަށް ޑިއުޓީ މާފު ކުރުމުގެ އުސޫލުގައި ބުނެފި އެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފުކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފައި ވަނީ މިއަދު އެވެ.
އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށް ދޫކުރެވޭނީ ކަސްޓަމްސް ކަނޑައަޅާ އެފްއޯބީ އަގުން 10،000 ރުފިޔާގަ ތަކެއްޗަށް ކަމަށެވެ. އަދި ބިދޭސީންގެ ނަމުގައި ގެންނަ ތަކެއްޗަށް އެ އެލަވެންސްގެ ދަށުން ޑިއުޓީ މައާފުކޮށް ނުދެވޭނެކަމަށް ގަވައިދުގައި ވެއެވެ.
އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރާ ގޮތަކީ މުދަލަށް ނުވަތަ ޝިޕްމަންޓަށް ކަސްޓަމްސް ކަނޑައަޅާ އެފްއޯބީ އަގު 10،000 ރުފިޔާއަށް ވުރެ ބޮޑު ނަމަ ގުޑް ޑެކްލަރޭޝަން ހުށަހަޅައިގެންނެވެ. މުދަލުން ޑިއުޓީ ނެގޭނީ އެފްއޯބީއިން މި އަދަދު އުނި ކުރުމަށް ފަހު ބާކީ އަދަދުންނެވެ. އަދި އެލަވަންސް ދިނުމުގެ ބޭނުމަށް ޝިޕްމަންޓުގެ ގޮތުގައި ބަލާނީ ކޮންމެ ހައުސް އެއާވޭބިއަލް ނުވަތަ ހައުސްބީއެލްއެއް ވަކީންނެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން ޑޮކްޓަރެއްގެ ބޭސް ސިޓީއާއި އެކު އަމިއްލަ ފަރުދުންގެ ބޭނުމަށް ގިނަވެގެން ހަ މަސް ދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް އެ ތަކެތީގެ އަގަށް ރިއާޔަތް ކުރުމެއް ނެތި ދޫކުރެވޭނެ އެވެ.
މީގެއިތުރުން ގުޑް ޑިކްލަރޭޝަން ހުށަހަޅަން ނުޖެހޭ ބައެއް އިލެކްޓްރޯނިކްތަކުގެ ތެރޭގައި ހިމެނެނީ ބޭނުން ކުރަން ގެންގުޅޭ ޕޯޓަބަލް މިއުޒިކް އިންސްޓްރުމަންޓް، ޕޯޓަބަލް ސައުންޑް ރިޕްރޮޑަކްޝަން ޑިވައިސް، ޕޯޓަބަލް ރޭޑިއޯ، ޓީވީ، ފޯނު، ލެޕްޓޮޕް އަދި އޯޑިއޯ/ވީޑިއޯ ޕްލޭއަރުތަކެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓާއި ސުއްޓާ ފަދަ ތަކެތީގެ ތެރެއިން 200 ސިނގިރޭޓާއި، 25 ސުއްޓާ އަދި 250 ގްރާމް ދުންފަތަށް ޑިކްލެރޭޝަން ހުށަހަޅަން ނުޖެހޭނެ އެވެ،

