ވެރިކަމަށް އައުމަށް ވަރަށް ގިނަ ވައުދުތަކެއްވެ، މެނިފެސްޓޯގައި ލިޔެފައިވާކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެ ހުރިހާކަމަށް ވެސް ހިލާފުވެފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށްގެން އާބަން ސެންޓަރުތައް ގާއިމު ކުރުމަށް ނިންމާފައިވާ ލިސްޓު އާންމު ކުރުމާއި އެކު ގިނަ ބަޔަކު ސުވާލު އުފެއްދީ ވިޔަފާރީގައި ޒަމާންވީ ރަށްތައް ނުހިމެނޭ ސަބަބާއި މެދު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ ލިސްޓުގައި ހިމެނި އާންމު ކުރި ހަތް ރަށުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރާއި، ބ. އޭދަފުށި އަދި ޅ. ނައިފަރާއި އދ. މަހިބަދޫ އަދި ފ. ނިލަންދޫއާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫ އެވެ.
މި ލިސްޓުގައި ދެކުނާއި، އުތުރުގެ ބޮޑެތި ރަށްތައް ނުހިމެނޭތީ އެމްޑީޕީގެ ފާޑުކިއުންތަކަށް ރައްދު ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރަހައްދުތަކަށް ބަހާލައިގެން ރާއްޖެއަށް ތަރައްގީ ގެންނާނެ ގޮތް އެމަނިކުފާނުގެ ”ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.
މެނިފެސްޓޯގައި ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި ވަރަށް ސާފުކޮށް ބަޔާންކޮށް އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އަޅުގަނޑު ބަޔާންކޮށްފައިވާ ފަދައިން، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަން ގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދްމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ 3 އަތޮޅު ހިމެނޭހެން ނޮރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީ ކުރުން އަދި އޭގެ އިތުރަށް 7 އަރބަން ސެންޓަރު (މާލެއިން އުތުރުން 3، މާލެއިން ދެކުނުން 4) ތަރައްޤީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު، އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަން.
ރައީސް މުއިއްޒުގެ އެ ޕޯސްޓުގައި ވިދާޅުވީ މެނިފެސްޓޯގައި ތަފްސީލުކޮށް ލިޔެވިފައިވާ ވާހަކައެއް، ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ދޮގު ފަތުރަމުންދާކަމަށެވެ. ރައީސްއަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ މެނިފެސްޓޯގައި ސީދާ ލިޔުއްވައިގެން އާންމު ކުރެއްވި އެ ނޫން ވަރަށް ގިނަ ވާހަކަތަކެއް ވެސް އެބަހުރިކަމަށާއި ސަރުކާރުން ވަނީ އެކަންކަމަށް ހިލާފުވެފައި ކަމަށެވެ.
ފަައްޔާޒް ވިދާޅުވީ އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރާނެ ހަތް ރަށެއް ސަރުކާރުން އިއުލާނު ކުރީ އެއްވެސް މަޝްވަރާ ކުރުމެއް ނެތިކަމަށާއި ހަގީގަތަކީ އެއީކަމަށެވެ. ސަރުކާރުން ކުރާ އެއްވެސް މަސައްކަތެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެތައް ޖަލްސާއެއްގައި ވިދާޅުވެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކުރިޔަސް ވެރިކަމަށް ވަޑައިގެން ވަރަށް ގިނަ ކަންކަން ކުރައްވަމުން ގެންދަވަނީ ސީދާ ވިދާޅުވި ގޮތާ އިދިކޮޅަށް، ލިޔެފައިވާ ގޮތާ ހިލާފަށް. މިއަދު ސަރުކާރުން ހަތް ރަށެއް އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރަން އިއުލާނު ކުރީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި، ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި. ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާޕްލޭން ވެސް އެކުލަވާލާނީ އެހެންކަމާއި އެ ޕްލޭނާ އެއްގޮތަށް ކަންކަން ވެސް ނުކުރައްވާނެކަން ދިވެހި ރައްޔިތުންނަށް މިއަދު ޔަގީންވޭ. ހުއްޓުމެއް ނެތި ހައްދަވަނީ ހުސް ދޮގު.
ފައްޔާޒް ވިދާޅުވީ ސަރުކާރުން އިއުލާނުކޮށްފައިވާ ގައުމީ ތަރަައްގީގެ 20 އަހަރުގެ މަސްޓަރ ޕްލޭނަކީ ވެސް އިއުލާނު ކުރި ގޮތަށް ކުރިޔަށް ނުދާނެ މަޝްެރޫއުއެއްކަން ރައްޔިތުންނަށް މިއަދު ސާފުވާކަމަށެވެ.
އާބަން ސެންޓަރުތަކާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އޮތީ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގައި ރާއްޖޭގެ އުތުރުން 4 އަތޮޅާއި ދެކުނު 4 އަތޮޅު ހިމެނޭހެން ސަރަހައްދީ ތަރައްގީ ގެނައުމުގެ ވިސްނުން ކަމަށެވެ. އަދި މި ދެ ސަރަހައްދުގެ ރަށްތަކުގެ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބަން ސެންޓަރުތައް ގާއިމުކުރެވިގެންދާނެކަމަށް ބަޔާނުގައި ވެއެވެ.

