ސްޓެލްކޯއިން ވޭވް މޮނީޓަރ ޕްރޮޖެކްޓު އިފްތިތާހުކޮށްފި އެވެ.
މިއީ ރާއްޖެއިން ބޭނުން ކުރާ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
ވޭވް މޮނީޓަރ ޕްރޮޖެކްޓު އިފްތިތާހު ކުރުމާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލު ހޯދުމަށާއި ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ފަހުމީ ވިދާޅުވީ މި ދިރާސާގައި ރާޅުން ހަކަތަ އުފެއްދުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރާނެކަމަށެވެ. އަދި އިރުގެ އަލިން ހަކަތަ އުފެއްދުމާއި ހިލާފަށް ރާޅުން ހަކަތަ އުފެއްދުމުގައި ފައިދާތަކެއް ހުންނާނެކަން ފާހަގަކޮށް ވިދާޅުވީ މޫސުމާއި އެކު އިރުގެ އަލިން ހަކަތަ އުފެއްދުމަށް އަސަރު ކުރިނަމަވެސް ރާޅުން ހަކަތަ އުފެއްދުމަށް ކުރާ އަސަރު ކުޑަކަމަށެވެ.
ފަހުމީ ވިދާޅުވީ މި ދިރާސާގެ ތެރެއިން ކުންފުނީގެ އަމާޒަކީ ރާޅުން ހަކަތަ އުފައްދައިގެން މިހާރު ހުރި އިޔާދަކުރަނިވި ހަކަތަ ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި މިހާރަށް ވުރެ ވަރުގަދަ އަދި އިތުބާރު ހުރި ހަކަތަ ގްރިޑެއް އުފެއްދުން ކަމަށެވެ.

