މިއަހަރު ނިމުމުގެ ކުރިން ފްްލެޓުތައް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިިނިސްޓަރ ވިދާޅުވީ، ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށެވެ.
އަދި އެއަށްފަހު ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ޝަކުވާ ހުށަހެޅުމުގެ މަރުޙަލާ ނިމުމުން، ދެން ކުރަން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްފަހު، މި އަހަރު ނިމުމުގެ ކުރިން ފްލެޓުތައް ޙަވާލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ 4,000 ފްލެޓުގެ ލިބޭ ފަރާތްތަކުގެ ލިސްޓު، އެއްވެސް ހުރަހެއް ނެތްނަމަ، އޮކްޓޯބަރު މަހުގެ ފަހު ހަފުތާ ނިމުމުގެ ކުރިން އިޢުލާނުކުރެއްވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޢަލީ ޙައިދަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު މުޅި ލިސްޓު ރިވިއު ކުރުމަށް ނިންމާފައިވަނީ “ހައުސިންގ އެޑްވަައިޒަރީ ކޮމިޓީ” އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި “ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ” އަށްވެސް ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓު އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންްނާތީއެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 15 ނޮވެމްބަރު 2023 ގައި އިއުލާނުކުރި ދާއިމީ ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިިވާ ކަންކަން ހުރިކަމަށް ބަޔާންކޮށް އާންމު ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅިކަމަށެވެ.އަދި އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު “ހައުސިންގ އެޑްވަައިޒަރީ ކޮމިޓީ” އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި “ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ” އަށްވެސް ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓު އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންްނަކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެހެންކަމުން މިހާރު މިނިސްޓްރީން ނިންމާފައިވަނީ މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންތަކެއް ރީ އިވެލުުއޭޓް ކުރުމަށެވެ. އެ މަސައްކަތް މިހާރު މިނިސްޓްރީން ވަނީ ފަށާފައެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ މަސައްކަތް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާނެއެވެ.

