ސަރަހައްދީ ތަރައްގީއަށް އިސްކަން ދީގެން ސަރުކާރުން ކުރަމުންދާ މަސައްކަތުން އިއްޔެ އިއުލާނުކޮށްފައި ވަނީ، އުތުރާއި ދެކުނުގެ އަތޮޅުތަކުގެ އާބަން ޑިވެލޮޕްމަންޓް ރީޖަން ބޭރުން ސެންޓަރުތައް ތަރައްގީ ކުރާ ރަށްތަކަށްކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށްގެން އާބަން ސެންޓަރުތައް ގާއިމު ކުރުމަށް ނިންމާފައިވާ ލިސްޓު އާންމު ކުރުމާއި އެކު ގިނަ ބަޔަކު ސުވާލު އުފެއްދީ ވިޔަފާރީގައި ޒަމާންވީ ރަށްތައް ނުހިމެނޭ ސަބަބާއި މެދު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ ލިސްޓުގައި ހިމެނި އާންމު ކުރި ހަތް ރަށުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރާއި، ބ. އޭދަފުށި އަދި ޅ. ނައިފަރާއި އދ. މަހިބަދޫ އަދި ފ. ނިލަންދޫއާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫ އެވެ. އެވެ.
މި ލިސްޓުގައި ދެކުނާއި، އުތުރުގެ ބޮޑެތި ރަށްތައް ނުހިމެނޭތީ އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން އެކަމަށް ފާޑުވިދާޅުވި އެވެ. އަދި އެކަން ސާފުކޮށްދީ ރޭ ހައުސިން މިނިސްޓްރީން ބަޔާނެއް ވެސް އާންމު ކުރި އެވެ.
ހައިދަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހުރިހާ ސިނާއަތަކަށް ފަހިވާ ގޮތަށް އާބަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީއާއި ޕޮލިސީ އެކުލަވާލުމަށެވެ.
އާބަން ސެންޓަރ ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހައިދަރު ވިދާޅުވި ގޮތުގައި މާލޭގެ ސަރަހައްދަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމެވެ. އަދި މަތީ ފެންވަރުގެ ހިދުމަތާއި ގުޅުން ހުރި ހިދުމަތަށް މާލެ ކޮންމެހެން ވެސް އަންނަން ޖެހުން މަޖުބޫރުވެފައިވުމަކީ ސަރުކާރުން ސަރަހައްދީ ތަރައްގީއަށް ސަމާލުކަން ދޭން ޖެހޭ އެއް ސަބަބުކަމަށް ވިދާޅުވިއެވެ.
ބޮޑެތި އިންފްރާސްޓްރަކްޗާއަށް ތަރައްގީކޮށްފައިވާ ސެންޓަރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރިއިރު ހައިދަރު ވިދާޅުވީ މިވަގުތު ކުރަމުން ދަނީ އެ ރަށްތަކުގައި ހިދުމަތް އިތުރަށް ފުޅާ ކުރެވެން ހުރި ދާއިރާތައް ބަލައި ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.
މުޅި ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އަމާޒުކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އާބަން ސެންޓަރުތަކާއި ގުޅޭގޮތުން ހައިދަރު ވިދާޅުވީ، އުތުރާއި ދެކުނުގައި ހަތަރު އަތޮޅުގެ އާބަން ޑީވެލޮޕްމަންޓް ރީޖަންއެއް ގާއިމު ކުރެވޭނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޮނިހިރު ދުވަހު އިއުލާނު ކުރި ރަށްތަކަކީ އޭގެ ބޭރުން އާބަން ޑިވެލޮޕްމަންޓުގެ ގޮތުގައި ތަރައްގީ ކުރާ ސަރަހައްދުތައްކަމަށް ހައިދަރު ވިދާޅުވި އެވެ.
ރާއްޖޭގެ ހަތް އާބަން ސެންޓަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ގާއިމު ކުރޭ.. އެކަމަކު އެއީ އޭގެ މުޅި މަންޒަރެއް ނޫން.. ބޮޑު މަންޒަރަށް ބަލާއިރު އުތުގައި އާބަން ޑިވެލޮޕްމަންޓް ރީޖަންއެއް، އުތުރުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް.. އާބަން ޑިވެލޮޕްމަންޓް ރީޖަންއެއް އަދި.. ދެކުނުގެ ވެސް ހަތަރު އަތޮޅު ހިމެނޭ ގޮތުން އާބަން ޑިވެލޮޕްމަންޓް ރީޖަންއެއް އޮންނާނެ.. އުތުރުގެ އާބަން ޑިވެލޮޕްމަންޓް ރީޖަންއާއި ދެކުނުގެ އާބަން ޑިވެލޮޕްމަންޓް ރީޖަން.. އޭގެ ހިމެނޭނެ ދެކުނުގެ ހަތަރު އަތޮޅާއި، އުތުރުގެ ހަތަރު އަތޮޅު.. އޭގެ ބޭރުން ހުރި ރަށްރަށުގެ ވާހަކަ ރައީސް އިއުލާނު ކުރައްވާފައި އޮތީ.. އާބަން ސެންޓަރުތަކެއްގެ ގޮތުގައި..
މި ރަށްތަކަކީ ހައިދަރު ވިދާޅުވި ގޮތުގައި މިހާރު ވެސް މަތީ ފެންވަރުގެ ބައެއް ހިދުމަތްތައް، ރަނގަޅު ގޮތަކަށް ދެމުންދާ ސަރަހައްދުތަކެކެވެ. ހައިދަރު ވިދާޅުވީ އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ ޕްރޮގްރާމެއް ހިންގައިގެން ނޫނީ ރާއްޖޭގެ އެންމެނަށް ބޭނުންވާ ހިދުމަތްތައް ދެވޭކަށް ނެތްކަމަށެވެ.
ހައިދަރު ވިދާޅުވީ ރާއްޖޭގައި އެ ރަށެއްގައި ދިރިއުޅެމުންދާ އާބާދީގައި 500 ހަމަ ނުވާ ރަށްތައް ވެސް އެބަހުރިކަމަށާއި އޭގެ ސަބަބުން ދޭން ޖެހޭ ވަރަށް ގިނަ އަސާސީ ހިދުމަތްތައް ހުރީ އެންމެ ރަނގަޅު ފެންވަރުގައި ނޫންކަމަށެވެ.
އަދި ވަރަށް ގިނަ ހަރަދު އެބަދޭ، ބަނދަރު ހެދުމާއި ފެނާއި.. ނަރުދަމާ ހެދުމާއި.. އިންފްރާސްޓްރަކްޗާގެ ވަރަށް ގިނަ މަސައްކަތްތަކަށް.. ބޮޑެތި ހަރަދުތަކެއް އެބަދޭ.
ވަކި ރަށްތަކެއް ނުވަތަ އަތޮޅުތައް އާބަން ސެންޓަރ ލިސްޓުގައި ނުހިމެނޭކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ އެމަނިކުފާނުގެ ދިވެހިންގެ ރާއްޖެ މެނިފެސްޓޯ އެވެ.
މެނިފެސްޓޯގައި ހިމެނޭ ޗެޕްޓަރުގައިވާ ގޮތުން މާލެ އާބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ހިދުމަތް ލިބޭ ސަރަހައްދެއް ގޮތުގައި ހއ. އަތޮޅާއި، ހދ. އަތޮޅުއަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯންގައި އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން ބައިނަލްއަޤުވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ގާއިމުކޮށް ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ޓްރާންޝިޕްމަންޓު ބަނދަރެއް ގާއިމު ކުރެވިގެން ދާނެ އެވެ.
މީގެއިތުރުން މާލެ އާބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ހިދުމަތް ލިބެ ސަރަހައްދެއްގެ ގޮތުގައި ގއ. އަތޮޅާއި، ގދ. އަތޮޅު އަދި އަދި ފުވައްމުލައްއާއި އައްޑޫ ހިމެނޭ ދެކުނުގެ ތަރައްގީ ޒޯންގައި އިދާރީ މައި ހަބުގެ ގޮތުގައިއާއި ބައިނަލްއަޤުވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ހިމަނައިގެން ބައިނަލްއަޤުވާމީ ޓްރާންޝިޕްމަންޓު ބަނދަރަކާއި ސިނާއީ މަސައްކަތްތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން އަދި މެރިކަލްޗާގެ އިތުރުން ފތުރުވެރިކަމުގެ ވަސީލަތް ފުޅާކޮށް ތަރައްގީ ކުރެވިގެންދާނެކަމަށް ވެއެވެ.
މެދުމިނުގެ އިތުރު 7 އާބަން ސެންޓަރު މާލޭގެ އުތުރުގައި 3 އަދި ދެކުނުގައި 04 ހިމެނޭހެން ތަރައްގީ ކުރެވިގެންދާނެކަމަށް ވެސް މެނިފެސްޓޯގައިވެއެވެ.

