ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. ޒާހިރުއަށް އަރުވައިފި

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޒާހިރުއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތަޢުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.

މި ޝަރަފު ޒާހިރު ހުސެއިނަށް އެރުވީ ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

މި ޝަރަފު ޒާހިރުއަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމުގައި އަދި ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް އިހުލާސްތެރިކަމާއެކުގައި، ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން މަތީ ތަޢުލީމު ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، ޒާހިރު އެންމެ ފުރަތަމަ ހިދުމަތް ފެއްޓެވީ، އަމީނިއްޔާ ސްކޫލްގައެވެ. އެއަށްފަހު ތައުލީމީ ދާއިރާގެ އެކި މަގާމުތައް ފުރުއްވައި، އޮފް އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމު ވެސް އެމަނިކުފާނު އަދާކުރެއްވި އެވެ. އަދި މި މަގާމުގައި ހުންނަވައިގެން ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

އެގޮތުން ސައިންސް އެޑިޔުކޭޝަން ސެންޓަރު 1979 ވަނަ އަހަރު ހުޅުވިގެން ދިޔައީ އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ.

މީގެއިތުރުން ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް، ރާއްޖޭގެ ތައުލީމީ މުގައްރަރަށް ވެސް އެކިފަހަރު މަތިން އިސްލާޙީ ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްދެއްވާފަ އެވެ.

އެގޮތުން ޒާހިރު އިސްވެ ހުންނަވައިގެން ހިންގެވި އެންމެބޮޑު އަނެއް މަޝްރޫއަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ.

ރާއްޖޭގެ ތައުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތެއްގައި ކުރެއްވުމަށްފަހު، ދެން އެ މަނިކުފާނު އައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމަށެވެ. އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމުވެސް ޒާހިރު ފުރުއްވިއެވެ.

ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުންވެސް އެ މަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ. އަދި، ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާ ކުރާ ކޮމިޓީގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ.

މީގެއިތުރުން ހުކުރުޚުޠުބާ ލިޔުއްވުމާއި، މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު އިމާމުވެ ކުރައްވައި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ”ދީނުގެ މަގު“ ނޫހަށް އެކި މައުޟޫއުތަކަށް މަޒުމޫނުތައްވެސް ލިޔުއްވިއެވެ.

1989 ވަނަ އަހަރު، ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، އަދި 1990 ވަނަ އަހަރު، މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު، ޒާހިރަށް އެރުވުނެވެ. ނޫސްވެރިކަމުގެ ”އަލިމަސް ގަލަން“ ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ޒާހިރު ޕީއެޗްޑީ ހާސިލު ކުރެއްވީ، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން، 2001 ވަނަ އަހަރު މެލޭޝިއާއިންނެވެ. ޕީއެޗްޑީ ހާސިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ހާއްސަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެ އެވެ. ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބު، އެ މަނިކުފާނަށް އެރުވުނީ 10 ނޮވެންބަރު 2008 ގައެވެ.

ޒާހިރަކީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލާކަމުގެ މަގާމު ވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރ ކަމުގެ މަޤާމު ޒާހިރު މިހާރު ފުރުއްވަމުން އެ ގެންދަވަނީ، 20 އޮގަސްޓް 2019 އިން ފެށިގެންނެވެ.

ޒާހިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 48 އަހަރުވެއްޖެއެވެ. އަދި ތައުލީމީ ދާއިރާގައި އެމަނިކުފާނު ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 32 އަހަރަށްވުރެ ގިނަ ދުވަސް ވަނީވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: