ސިޔާސީ ވާދަވެރިއަކަށް ވީތީ އެއީ ކާކުތޯ ބެލުމެއް ނެތި ހިފަހައްޓައި އަނިޔާ ދިން ޒަމާން މާޒީވެ ގޮސްފައިވާކަމަށާއި، މި ސަރުކާރުގައި ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް ދުވަހަކު ވެސް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ކުރިޔަށް ގެންދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މީގެ ކުރިން ފެނުނު ސިޔާސީ ބަދަލު ހިފުމުގެ ރޫހު މި ސަރުކާރުގެ ތެރޭގައި އެއްވެސް މިންވަރަކަށް ނޯންނާނެކަމަށެވެ. އަދި ވަކި މީހަކީ ނުވަތަ ބަޔަކީ އެއީ އެމަނިކުފާނުގެ ވާދަވެރިއަކަށް ވީތީ އަސާސެއް ނެތް ތުހުމަތެއްކޮށް ޖަލަށް ލައި، ބަންދުކޮށް އަނިޔާ ދިން މަންޒަރެއް ވެސް މި ސަރުކާރުގައި ނުފެންނާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މިންވަރަކަށް ސަރުކާރުގެ ތެރޭގައި ހިނގާނެ އަމަލުތަކެއް ނޫންކަމަށެވެ.
މީގެކުރީގައި އެކަން އެގޮތަށް ކޮންމެވެސް ވަރަކަށް އޮތީ ފެނިފައި.. އެކި ގޮތް ގޮތުން ފްރޭމްކޮށްގެން ވިޔަސް ނޫނިއްޔާ އެހެން ގޮތަކުން ވިޔަސް އަނިޔާވެރިކަމާއި އެކީގައި.. ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށް ލައި އަނިޔާކޮށްފައިވޭ.. އެއީ ތިމްނަނާއި ތިމާގެ މީހަށް ވިޔަސް، ތިމަންނަގެ ރައްޓެއްސެއް ވިޔަސް.. ކޮންމެ މީހެއް ވިޔަސް.. ސިޔާސީ މީހެއްވިއްޔާ އެއްކައިރިކޮށް ދުރަށްލާ ޒަމާން މި ގައުމުން ތާއަބަށް މި ގައުމުން މިވަނީ ނެތިގެން ގޮސްފައި.. އިރާދަކުރެއްވިއްޔާ އެކަމެއް ދެނެއް ނުފެންނާނެ..
މީގެއިތުރުން ރައީސް ވިދާޅުވީ ވަކި މައްސަލައެއް ބެލުމުގެ ނިޔަތުގައި ރިޔާސީ ކޮމިޝަންތައް އުފައްދައިގެން ވެސް އެމަނިކުފާނު ކުރަން ޖެހޭ ތަހުގީގެއް ނެތްކަމަށެވެ. އެހެން ނަމަވެސް ގައުމުގެ ރައްޔިތުންނަށް ހިޔާނާތްވެ، އެ މީހަކު މުދާތައް ނުހައްގުން ހޯދާފައިވާނަމަ އެއީ ބެލެން ޖެހޭ މައްސަލައެއްކަމުގައި ރައީސް ވިދާޅުވި އެވެ. އެއްވެސް މީހަކު ރައްޔިތުންގެ ހައްގަކަށް އަރައިގަނެފައިވާނަމަ، އެ މައްސަލައެއް ބަލައި ތަހުގީގު ކުރާނީ ރައީސް ވިދާޅުވި ގޮތުގައި އޮންނަ އުސޫލުގެ ތެރެއިން މިނިވަންކަމާއި އެކުއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމުގައި މިނިވަން މުވައްސަސާތައް ހުއްޓައި، ވަކި ތަހުގީގަކަށް ކޮމިޝަންތައް އުފައްދަން ނުޖެހެއެވެ. އެއީ ރާއްޖޭގެ ޝަރުއީ ނިޒާމާއި، ދުސްތޫރީ ނިޒާމެއް އޮތަތީވެކަމަށާއި ގައުމުގެ ތެރޭގައި ބަދަލުހިފައި ނަފްރަތު ފެތުރުމުގެ އަމަލުތައް ދިވެހި ރައްޔިތުން ދެން މި ގައުމުން ބޭނުން ނުވާކަން ސާފުވާކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ވާހަކަ ރައީސް ފާހަގަކުރެއްވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރިޔާސީ ކޮމިޝަންތައް އުފައްދައި މައްސަލަތައް ތަހުގީގު ކުރުމަށް ބޮޑު ހަރަދެއް ކުރި އެވެ. އެހެން ނަމަވެސް ފަސް އަހަރު ނިމިގެން ދިޔައީ އެ ކޮމިޝަންތަކަށް އެއްވެސް މައްސަލައެއް ރަނގަޅު ގޮތުގައި ނުބެލި، ދައުލަތުން ގެއްލުނު ފައިސާ އެއްވެސް މިންވަރަކަށް ނުހޯދި އެވެ.
މީގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އޭރުގެ ސިޔާސީ ލީޑަރުން އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް ބަންދު ކުރައްވާފަ އެވެ.

