ރާއްޖޭގެ އިޤްތިސާދީ ހާލަަތު ދައްވެފައިވީ ނަމަވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ މަޤްސަދުތައް ހާސިލްވުމުގައި ހުރަހެއްނެތް ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިސަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ވުމާއި ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވިއިރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ރަނގަޅު މަސައްކަތްތަކެއް ކުރެއްވުމަށް ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ހާލަަތު ދައްވެފައިވީ ނަމަވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ މަސައްކަތަށް މާ ބޮޑު ހުރަހެއް ނެތް ކަމަށާއި އެ ވުޒާރާއިން ރާވާފައިވާ މަސައްކަތްތައް ބެޖެޓުގައި ހިމެނިފައިވުމުން ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާާ ފަރާތްތަކަށް ދަތިވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ އަޅުގަނޑުގެ ވުޒާރާއަށް ބަލާއިރު، އަޅުގަނޑުމެންނަށް ކަނޑައެޅިފައިވާ މަސައްކަތްތައް ކުރުމަކަށް މާބޮޑު ހުރަހެއްނެތް، ރާާވާ ފައިވާ މަސައްކަތްތައް ބަޖެޓުކޮށްފައިވާ ގޮތުގެ މަތިން ކުރިއަށް އެބަދޭ، އެހެންނަމަވެސް މި ދާއިރާގައި ހާއްސަކޮށް ދަނޑުވެރިކަމުގެ ދާއިރާގއި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދަތިތައް ކުރިމަތިވި، އިޤްތިސާދީ ގޮތުން އޮތް ހާލަތާއި ގުޅިގެން“ ވަޒީރު ވިދާޅުވިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއާއި އެސްޑީއެފްސީއާއި ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމް ވަނީ އިފްތިތާހުކޮށްފައެވެ.
މި ލޯނުގެ ޒަރިއްޔާއިން އަލަށް ދަނޑުވެރިކަމަށް ވަންނަ ފަރާތްތަކަށް ދަނޑުވެރިކަން ފަށައިގަތުމަށާއި، އަދި މިހާރު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމަށްވެސް އެހީ ލިބިގެންދާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިއީ ރަހުނަކާއި ނުލައި 100،000 ރުފިޔާއާއި ހަމައަށް ދޫކުރެވޭ ލޯނެކެވެ. އެގޮތުން އޭޕްރިލް 30 އާއި ހަމައަށް އަމިއްލަ ފަރުދުންނަށް 4،900،000 ރުފިޔާ ލޯނު ވަނީ ދޫކުރެވިފައެވެ.

