ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރިން ރައްޔިތުންނަށް ވަރަށް ސާފުވާތަން ކުރިއަށް އޮތް ތަނުގައި ފެންނާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރިން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތަނުގައި އިތުރަށް ފެންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެގެން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި މި ސަރުކާރު ދެމި އޮންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވެފައި މިވަނީ މުއްސަނދިންނާއި، އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން، ޕްރީ ޕޭ ހެލްތް ކޮންޓްރިބިއުޝަން ނެގުމަށް ސަރުކާރުން ނިންމާފައިވުމާއި، ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތައް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރެޖިސްޓާވާން އެންގުމާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން އެކަމާ ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

