ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިިވާ މީހުން ދައުވާއަށް އިންކާރުކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިިވެއެވެ.
މައްސަލައިގެ ދައުވާލިބޭ މީހުން:
- ޝަމާލް ހުސައިން (21 އ)، މުސްތަރީގެ، ތ. ގާދިއްފުށި
- ޒަޔާން ނަސީރު (23 އ)، ކެމީހިޔާ، އދ. މާމިނގިލި
- އަބާން އަބްދުލްހައްނާން (23 އ)، ރުވާ، ތ. ދިޔަމިގިލި
- ރަޖުވާން ލަތީފު (22 އ)، މުރިނގު، ލ. މާމެންދޫ
- މިދުހަތު އާދަމް (24 އ)، ރިވެލި، ރ. އަލިފުށި
- މުހައްމަދު ޖަޒްލާން (22 އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން
- އަހުމަދު މައިސާން ހާޝިމް (20 އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.
މި މައްސަލައިގައި ދައުވާލިބޭ އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.
”ސަންގު“ އާ ވާހަކަ ދައްކަވަމުން މި މައްސަލައިގެ ދިފާއީ ވަކީލު އިސްމާއިލް މުޙައްމަދު ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ޝަމީމްއާއި، މަންޒަރު ދުއް މީހުންގެ ތެރެއިން 3 މީހަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 2 ތަހުގީގު އޮފިސަރެއް ހިމެނޭ ކަމަށެވެ.
އެ އޮފިސަރުން ހުށަހަޅާފައިވަނީ ޚަބީރުން (އެކްސްޕަރޓުން) ގޮތުގައެވެ. އެހެންނަމަވެސް ހެއްކާބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތަށް އެ މީހުުންގެ ތަޖުރިބާތަކާއި އިލްމު އެނގޭނެ ލިޔެކިޔުންތައް ދައުލަތުން ހެއްކާއެކު ހުށަހަޅާފައި ނެތުމުން ގާޒީ އެކަން ފާހަގަ ކުރެއްވިކަމަށް އިސްމާއިލް ވިދާޅުވިއެވެ.
ގާޒީ ވަނީ މިފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތުން އިތުރަށް ސަމާލުވުމަށް ދަންނަވާފައެވެ.
ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލިއިރު ބުނެފައިވާ ގޮތުގައި އެ 7 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމީހުން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާތީއެވެ.
އަދި ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، މި ހަމާދިން އިރު، ހަމަލާދީ ނިމެންދެން އޭގެ ތެރެއިން ބައެއް މީހުން ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.

