ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ވަކާލާތު ކުރާ އެމްޑީޕީއަށް ވުރެ، އަހަރެއްގެ ތެރޭގައި ޕީއެންސީއަށް ސޮއިކޮށް ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ކުރި މީހުންގެ އަދަދު ގިނަކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މެމްބަރޝިޕު ޑްރައިވް ހަރަކާތުގައި ބައިވެރިވެވަޑައިގެން ”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވީ، ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އުފެދިފައިވާކަމަށާއި މިހާރު ވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ޕާޓީއަކަށް 75000 މެމްބަރުން ހަމަކުރުމާއި ގާތަށްވެސް ދެވިފައިނުވާކަމަށާއި އިދިކޮޅު އެމްޑީޕީއަކީ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމަށްވާއިރު 17 އަހަރުގެ ތާރީހުގައި ވެސް 70،000 މެމްބަރުން ހަމަކުރެވިފައި ނެތްކަމަށެވެ.
ފަލާހު ވިދާޅުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ޕީއެންސީ ފަދަ ޅަ ޕާޓީއަކަށް ގިނަ އަދަދެއްގެ މެމްބަރުން ހަމަކުރެވިފައިވުމުން ދައްކުވައި ދެނީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ރައްޔިތުން ކުރާ އިތުބާރާއި އެމަނިކުފާނަށް އޮތް ތާއީދުކަމަށެވެ.
ފަލާހު ވިދާޅުވީ، މި ހަރަކާތުގެ އެންމެ ބޮޑު މަަސައްކަތެއް ކުރެވިފައިވަނީ މާލެ ސަރަހައްދުގައިކަމަށާއި އަދި މި މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ކަމަށެވެ. އަދި މެމްބަރު މުހައްމަދާއި ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވުމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

